ފުލުހުންގެ މުއައްސަސާގެ މިނިވަންކަން ގެއްލި، އެ މުއައްސަސާއިން ބިރު ފަތުރަމުންދާ ކަމަށް ފުލުހުން އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުޙައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް ނުކުމެއްޖެ ނަމަ ހަމަނުޖެހުން އުފައްދަން ބަޔަކު ރާވަމުންދާ ކަމަށް ބުނެ ބޭއްވި ނިއުސް ކޮންފަރެންސްގައި ދިން ބަޔާނަށް އިޝާރަތް ކުރައްވައި، ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިހާރު ބިރު ފަތުރަމުންދާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
ހަމީދު ވިދާޅުވީ ފުލުހުންގެ ހަޤީޤީ ދައުރަކީ، ވަކިފަރާތެއް ދެކެ ބިރުގަތުމެއް އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ހަމަޖެހުން ދެމެހެއްޓުމާއި، ޤާނޫނު ނެގެހެއްޓެމާއި، ކުށް ތަހުޤީޤު ކުރުން ކަމަށެވެ. މިކަން މިހެން އޮތް ނަމަވެސް މިއަދު ފުލުހުންގެ އިދާރާ ހިންގަމުން ދަނީ މި އުސޫލުން ނޫންކަމަށް ހަމީދު ތުހުމަތު ކުރެއްވިއެވެ.
Can’t understand why the police service is in to fearmongering. Its duties are to keep the peace, enforce the laws and investigate crimes, without fear, favour and bias. Sadly that is not the case. I hope all that was said in today’s press briefing isn’t a pretext for something.
— Mohamed Hameed (@M_Hameedh) September 10, 2018
ހޯމަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދެއްކި ވާހަކަތަކަށް އިޝާރާތް ކުރައްވާ، އެ ވާހަކަތަކަކީ ކަންތައްތަކެއް "ހިންގުމުގެ ކުރިން" ދެއްކި ވާހަކަތަކެއް ނޫން ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި، ރިޔާސީ އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ބަޔާނެއް އިއްވަމުން، ފުލުހުންގެ ތަރުޖަމާނު، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބޭރުގެ ފަރާތްތަކަށް ދެއްކުމަށް ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް ބަޔަކު ރާވާފައިވާ ކަމަށެވެ. އެކަން ފުލުހުންގެ އިންޓަލިޖެންސަށާއި ތަހުގީގަށް އެނގިފައިވާ ކަމަށާއި އެއީ އިންތިހާބަށް ހުރަސް އެޅުމަށް ރާވާފައިވާ ކަންތައްތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ.
އިންތިހާބާ ގުޅިގެން ހަމަނުޖެހުން ހިންގަން ރާވާފައި ވަނީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެއެވެ. އެފަދަ ހަމަނުޖެހުން ހިންގަން އުޅެނީ ކޮން ތަނެއްގައި ކަމެއް، އަދި އެކަން ކުރަން އުޅޭކަމުގެ ތުހުމަތަކަށް މީހަކު ހައްޔަރު ކުރި ކަމެއް ވެސް ފުލުހުން ނުބުނެއެވެ.