ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ތ އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ މިރޭ އެ އަތޮޅު ކިނބިދޫގައި ބޭއްވުމަށް ވަނީ ތައްޔާރުވެއްޖެއެވެ.
ކޯލިޝަން ކެންޑިޑޭޓްގެ ރަނިންގމޭޓް ފައިސަލް ނަސީމް ތ އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ކިނބިދޫގައި ބާއްވާ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އެރަށު ސްޓޭޖް ސަރަހައްދުގައެވެ. ފައިސަލް ކިނބިދޫއަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފައިސަލް ކިނބިދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވާއިފައިވާއިރު، ކިނބިދޫގެ މުޅި ބަނދަރު ސަރަހައްދާ ހާއްސަކޮށް ޖަލްސާ ބާއްވާ ސަރަހައްދު ވަނީ ފައިސަލްގެ ދަތުރަށް ތައްޔާރުކޮށްފައެވެ. ދިދަފަތި ދަމާއި ތަފާތު ޝުއޫރު ލިވެފައިވާ ބެނާ ތަށް ދަމާފައިވެއެވެ.

މި ޖަލްސާގައި ފައިސަލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ އާދަމްއާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުން ބައިވެރިވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ފައިސަލް ވާހަކަފުޅު ދައްކަވާއިރު، ވިހާވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި ފައިސަލް އެންމެ ފުރަތަމަ ވަޑައިގެންނެވީ ކަނޑޫދޫއަށެވެ. އެއްފަހު ހިރަލަންދޫ، ވަންދޫ، އޮމަދޫ، ވޭމަންދޫ އަށް ހޯމަ ދުވަހު ފައިސަލް ވަނީ ވަޑައިގެންފައެވެ. މިއިން ކޮންމެ ރަށަކުން ވެސް ފައިސަލް އަށް ހޫނު މަރުޙަބާ ދަންވާފައިވާފައެވެ.