ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައި ހަލާސްކުރިތާ 48 ގަޑިއިރު ނުވަނީސް، ރައީސް އަބްދުﷲ ޔާމީން ރާއްޖެޓީވީއާ ދެކޮޅަށް ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ރާއްޖެޓީވީއާ ދެކޮޅަށް މައްސަލަ ހުށަހެޅީ އެމަނިކުފާނުގެ އިންތިޚާބީ ހައްގުތަކާއި ޒާތީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ބުނެއެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ބްރޯޑްކޮމަށް ހުށަހެޅި ގާނޫނީ ވަކީލުންތަކެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން، ހޯމަ ދުވަހުގެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން، ގާނޫނީ ވަކީލު އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފު ވިދާޅުވީ މި މަހުގެ ތިން ވަނަ ދުވަހު އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސެއް ރާއްޖެޓީވީން ގެނެސްދީފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އަބުރުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބްރޯޑްކޮމްއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް އިޝާރާތް ކުރެއްވި ޕްރެސް ކޮންފަރެންސަކީ ތެލުގެ ވަގު ވިޔަފާރިއާ ގުޅޭ ގޮތުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މި މަހު ތިނެއްގައި ބޭއްވި ޕްރެސް ކޮންފަރެންސެވެ.
"ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައި ވާތީ، މައްސަލަތައް ތަހުގީގުކޮށް އެކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅައިދިނުމަށް، އަޅުގަނޑުމެން ބްރޯޑްކޮމްގައި ވެސް ވެސް ދަންނަވާފައި މިހާރު ވާނީ،" ތިން ގާނޫނީ ވަކީލަކު ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގައި އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލާގައި އެމްޑީޕީއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އޭގެ އިތުރުން އެ މައްސަލާގައި ޖިނާއީ ކަންތައްތަކެއް ހިމެނޭ ކަމަށް ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމާ ގުޅިގެން އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ވާހަކަތަކުގެ ސަބަބުން އިންތިހާބީ ހައްގަށް ބުރޫއަރާފައި ވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
ރައީސް ޔާމީން، ރާއްޖެޓީވީއާ ދެކޮޅަށް ބްރޯޑްކޮމްއަށް މައްސަލަ ހުށަހަޅާފައި ވަނީ ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ފައިސާ ދެއްކިތާ 48 ގަޑިއިރު ނުވަނީސްއެވެ.