މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ހަމަނުޖެހުން ހިންގަން ބަޔަކު ރާވާފައިވާ ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.
ރިޔާސީ އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ބަޔާނެއް އިއްވަމުން، ފުލުހުންގެ ސްޕޯކްސްޕާސަން ސްޕްރިޓެންޑެންޓު އަހުމަދު ޝިފާން ވިދާޅުވީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބޭރުގެ ފަރާތްތަކަށް ދެއްކުމަށް ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އެކަން ފުލުހުންގެ އިންޓަލިޖެންސަށާއި ތަހުގީގަށް އެނގިފައިވާ ކަމަށާއި އެއީ އިންތިހާބަށް ހުރަސް އެޅުމަށް ރާވާފައިވާ ކަންތައްތަކެއް ކަމަށް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވި ގޮތުގައި މީގެ ހަ އަހަރު ކުރިން 2012 ވަނަ އަހަރުގެ، ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ރާއްޖޭގައި ހިންގިފަދަ އަމަލުތަކެއް އަނެއްކާވެސް ހިންގައި އެކަން ތަކުރާރު ކުރަން އުޅޭ ކަމަށާއި އެކަމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމާ ގުޅިގެން، ފެބްރުއަރީ 8، 2012 ވަނަ ދުވަހު ހަވީރު އެމަނިކުފާނަށް ތާއިދުކޮށް މާލޭގެ މަގުތަކަށް ނުކުތް ދިވެހި ރައްޔިތުންނަށް ފުލުހުން ފުލުހުން ބޮޑެތި އަނިޔާތަކެއް ދިނުމާ ގުޅިގެން ބައެއް ރަށްރަށުން ފުލުހުން ބޭރުކޮށް، ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިންގައި، އަދި ފުލުހުންގެ ބައެއް ރަށްރަށުގައި ހުރި އިމާރާތްތަކުގައި ހުޅުޖެހި އެވެ.
"ކުރިން ފެނިފައިވާ ފަދައިން، ބައެއް ނުރައްކާތެރި އަމަލުތައް، އަދި ބައެއް ބިރުވެރި މަންޒަރުތައް، ތަކުރާރުކުރުމަށް ބައެއް ފަރާތްތަކުން، ރާވަމުންދާ ކަމުގެ މައުލޫމާތު އަޅުގަނޑު ކުރިން ފާހަގަކޮށްލި ގޮތަށް [އިންޓެލިޖެންސް އަދި ތަހުގީގަށް] ލިބިފައިވާކަން ފާހަގަކޮށްލަން. މީގެ އިތުރުން އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން، ބައެއް އަމަލުތައް ހިންގަން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު، ފުލުހުންނަށް ވަނީ ލިބިފައި،" ނޫސްވެރިންނަށް ސުވާލު ކުރެއްވުމުގެ ފުރުސަތު ނުދެއްވައި ޝިފާން އިއްވެވި ބަޔާނުގައި ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން، ހަމަނުޖެހުން ހިންގަން ރާވާފައިވާތީ، އެފަދަ އެއްވެސް ކަމަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ކަންތައްތަކަށް ހިތްވަރު ދޭ ފަރާތްތަކާމެދު ވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އިންތިހާބާ ގުޅިގެން ހަމަނުޖެހުން ހިންގަން ރާވާފައި ވަނީ ކޮން ބައެއް ކަމެއް ފުލުހުން ނުބުނެއެވެ. އެފަދަ ހަމަނުޖެހުން ހިންގަން އުޅެނީ ކޮން ތަނެއްގައި ކަމެއް، އަދި އެކަން ކުރަން އުޅޭކަމުގެ ތުހުމަތަކަށް މީހަކު ހައްޔަރު ކުރި ކަމެއް ވެސް ފުލުހުން ނުބުނެއެވެ.