ޕާކިސްތާނުގެ އާ ރައީސް އާރިފް އަލްވި މަގާމުގެ ހުވާ ކުރައްވާފިއެވެ.
ޕާކިސްތާނުގެ ވެރިކަން ކުރާ ތަހްރީކޭ އިންސާފު ޕާޓީގެ އެއް ފައުންޑިންގ މެމްބަރ އަދި އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ގާތް ރަހްމަތްތެރިޔާ އާރިފް ރައީސް ކަމުގެ ހުވާ ކުރައްވާފައިވަނީ އާދީއްތަ ދުވަހުއެވެ.
އާރިފްއަށް ރައީސްކަމުގެ ހުވާ ލައިދެއްވީ، ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު މިއާން ސާގިބް ނިސާރެވެ.
ޑެންޓިސްޓަކަށް އުޅުއްވި 69 އަހަރުގެ އާރިފް އަކީ ޕާކިސްތާނުގެ 13 ވަނަ ރައީސްއެވެ. އާރިފް ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތްއިރު ކުރީގެ ރައީސް މަމްނޫން ހުސެއިންގެ ފަސް އަހަރުގެ ދައުރު ހޮނިހިރު ދުވަހަށް ވަނީ ހަމަވެފައެވެ.
ރިޔާސީ ގަނޑުވަރުގައި ބޭއްވި ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ދަރުބާރަށް ބޮޑުވަޒީރު އިމްރާނާއި، ސިފައިންގެ އިސްވެރިޔާގެ އިތުރުން ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާރިފް ރައީސްކަމުގެ އިންތިޚާބު ކާމިޔާބުކުރެއްވީ ދެ ކެންޑިޑޭޓުންނާއި ވާދަކޮށްގެނެވެ. އާރިފް އަކީ ކުޑައިރުއްސުރެން އިންސާނުންގެ ހައްގުތަކަށް ވަކާލާތު ކުރަމުން އަންނަ ބޭފުޅެކެވެ. 1969 ވަނަ އަހަރު އެމަނިކުފާނު ވަނީ ކިޔަވާކުދިންގެ ޔޫނިއަންގެ ރައީސް ކަން ވެސް ކުރައްވާފައެވެ. އަދި އެގައުމުގެ ލާހޯރުގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި ހަށިކޮޅަށް ވަޒަންވެސް އަރާފައިވެ އެވެ. މިއަދާ ހަމައަށް ވެސް ކަނާއަތުގައި އެއް ވަޒަން އިދެއެވެ.