އަންނަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވައި، އަސްލު ސައިޒު ދައްކާލާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވުމުން، އެ ޖަލްސާއަށް ކިހާވަރެއް ޚަރަދު ކުރާނަންތޯ ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ސުވާލު ކުރައްވައިފިއެވެ.
ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލާނެ ކަމަށް ނިހާން ވިދާޅުވީ ހުކުރު ދުވަހު އެ ޕާޓީން ބޭއްވި ޖަލްސާއަށް ވުރެ ގިނަ އިން އިދިކޮޅު ފަރާތްތަކުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާގައި މީހުން ބައިވެރިވުމާ ގުޅިގެން ޕީޕީއެމްގެ އަންނަ ފާޑު ކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ނިހާން ވިދާޅުވީ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާއަކީ އެއްވެސް ރަށަކުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫން ކަމަށާއި ނަމަވެސް މި މަހުގެ 17 ނޫނީ 18 ވަނަ ދުވަހު، ރަށްރަށުން ވެސް މީހުން ގެނެސްގެން މާލޭގައި ޕީޕީއެމްގެ ރަސްމީ ސައިޒު ދައްކާލާނެ ކަމަށެވެ.
ނިހާންގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އަމީތު ކުރެއްވި ޓްވީޓެއްގައި ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލަން ބާއްވާ ޖަލްސާއަށް ކިހާވަރެއް ޚަރަދު ކުރަންޖެހޭތޯ ވަނީ ސުވާލު ކުރައްވާފައެވެ.
2016 ga "Aslu Jalsaa" baavvan 12m kharadhu kuran jehunu. Mi jalsaa baavvan kihaa khaardheh kuran jeheynebaa?
— Mohamed Ameeth (@MohamedAmeeth) September 9, 2018
Corruption aai fasaadhaige there'in hoadhihaa faisaa. E'echcheh beeve dhaanee e'echcheh hoadhi gothakah . https://t.co/NroOGNrSnM
އަމީތު ވިދާޅުވީ 2016 ވަނަ އަހަރު ޕީޕީއެމް އިން ބޭއްވި "އަސްލު ޖަލްސާ" އަށް 12 މިލިއަން ރުފިޔާ ޚަރަދު ކުރަން ޖެހުނު ކަމަށެވެ. ޕީޕީއެމް އިން ބޭއްވި އަސްލު ޖަލްސާއަކީ އެޕާޓީއަށް އޮތް ތާއީދު ދައްކާލުމަށް ގިނަ ބަޔަކު އެއްކޮށްގެން ބޭއްވި ޖަލްސާއެކެވެ.
މީގެ އިތުރުން އަމީތު ވިދާޅުވެފައިވަނީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ހޯދާ ފައިސާ، ބީވެދާނީ އެއެއްޗެއް ހޯދި ގޮތަކަށް ކަމަށެވެ.
އެމްޑީޕީ އިން ބޭއްވި ޖަލްސާގައި އެއްވި މީހުންގެ އަދަދާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމް އިން ރަސްމީ ޖަލްސާއެއް ބޭއްވުމަށް ފަހު ދެން އިދިކޮޅު ފަރާތްތަކަށް ބުނާނެ އެއްޗެއް ނޯންނާނެ ކަމަށް ނިހާން ވިދާޅުވިއެވެ.