އެމްޑީއޭގެ އިސްވެރިންނާއި، އާންމު މެމްބަރުން ގުޅިފައިވާ އިއްތިހާދާ ގުޅިވަޑައިގަތުމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފިއެވެ.
ނ. އަތޮޅަސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ނ. މާޅެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ އިބޫ ވިދާޅުވީ އެމްޑީއޭ ވަކި ކަނޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެމްޑީއޭގެ އިސްވެރިންނާއި އާންމު މެމްބަރުން ވަކިކޮޅެއް އިހްތިޔާރުނުކޮށް ނުތިއްބެވުމަށް އެދިވަޑައިގެން އިބޫ ގޮވާލެއްވީ އެމްޑީއޭގެ އާންމު މެމްބަރުންނާއި، އިސްބޭފުޅުން ވެސް ގުޅިފައިވާ އިއްތިހާދާ ގުޅިވަޑައިގަތުމަށެވެ.
އިބޫ ވިދާޅުވީ އިންތިހާބު ކާމިޔާބުކުރާ އިރު، އެ ފަރާތްތައް ވެސް މި އުފަލުގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ކޯލިޝަނެއްގެ ގޮތުގައި ނިކުމެ މަސައްކަތް ކުރަން ފެށީ ގިނަ ސަބަބުތަކެއް މެދުވެރިވުމުން ކަމަށެވެ. އެގޮތުން އިންސާފު ނެތުމާއި، ވަޒީފާގެ ބިރުވެރިކަން އިތުރުވުމާއި، ސަރުކާރާ ސިޔާސީ ފިކުރު ތަފާތުވާ މީހުން ޖަލަށްދާންޖެހޭ ޖެހުން އިބޫ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ވައްކަން ކުރުން ވެސް ހިމެނޭ ކަމަށާއި، ވައްކަމުގެ ގޮތުގައި ނަގާފައިވާ ފައިސާގެ ތެރެއިން 19 ބިލިއަން ލިބެންޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ މި ދެންނެވި 19 ބިލިއަން ރުފިޔާ އިން ފެނާއި ނަރުދަމާ ނޭޅެންވީ ސަބަބެއް،"
އިބޫ ވިދާޅުވީ ހުރިހާ ވެސް މައްސަލައަކީ އިންސާފު ނެތުން ކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި ހަމަހަމަކާއި އިންސާފު ރައްޔިތުންނަށް ކަށްވަރުކޮށްދެއްވާނެ ކަމަށެވެ.
ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވާންޖެހޭކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ސިއްހީ މަރުކަޒު ނުވަތަ ހެލްތު ސެންޓަރާ އެކު ރަނގަޅު ފެންވަރުގެ ލެބޯޓްރީ ހިދުމަތް ލިބެންޖެހޭ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި ކޮންމެ ރަށެއްގައި ވެސް ރަނގަޅު ފެންވަރު ލެބޯޓްރީއާ އެކު ސިއްހީ މަރުކަޒުތައް ތަރައްޤީކުރައްވާނެ ކަމަށެވެ.