ފައިސާ އިން ވައްކަންކުރާ އުސޫލުން ވޯޓުން ވައްކަން ކުރުމަށް ފުރުސަތުދީގެން ނުވާނެ ކަމަށާއި، ވޯޓުލާ ނިމުމަށް ފަހު ވެސް ވޯޓުގެ ކަންކަން ރަނގަޅަށް ބަލަންޖެހޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ނ. މާދފަރު ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖެ ދުށް އެންމެ އަނިޔާވެރި، އަދި އަދުލު އިންސާފު ގެއްލިފައިވާ ފަސް އަހަރު ކަމަށެވެ. އަދި އެއީ މި އިންތިހާބު ކާމިޔާބުކުރަންޖެހޭ ސަބަބެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ކުރައްވަނީ ސިޔާސީ މަސައްކަތްޕުޅެއް ނޫން ކަމަށާއި، ކުރައްވަނީ ޤައުމީ މަސައްކަތްޕުޅެއް ކަމަށެވެ.
ވޯޓު އޮޅުވާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަން ފާހަގަކޮށް އިބޫ ވިދާޅުވީ ހަމައެކަނި ވޯޓުލުމަށް ފަހު އެކަން ނިންމާލައިގެން ނުވާނެ ކަމަށާއި، ވޯޓުގެ ކަން ކަމަށް ވަރަށް ބޮޑަށް ފާރަވެރިވެ ބަލަންޖެހޭ ކަމަށެވެ. އަދި ފައިސާ އިން ވައްކަންކުރާ އުސޫލުން ވޯޓުން ވައްކަން ކުރުމަށް ފުރުސަތުދީގެން ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
މާފަރަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން އިބޫ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ތަރައްޤީގެ އެއްވެސް ޕްރޮޖެކްޓެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި ހުއްޓާނުލާނެ ކަމަށެވެ. އެގޮތުންް އެމަނިކުފާނުގެ ވެރިކަމުގައި މާފާރު އެއާޕޯޓްގެ މަސައްކަތް ނިންމައި، އެއާ ގުޅިގެން ރަށަށް އަންނަންޖެހޭ ތަރައްޤީ ގެނެސްދޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެއާޕޯޓާ އެކު މާފަރުގައި ވެސް ލޯކަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށާއި، އެބޭފުޅުންގެ މެނިފެސްޓޯގައި މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމަކީ އަމާޒެއް ކަމަށެވެ. އޭގެ އިތުރުން ކައިރި ރަށްރަށް ވެސް ތަރައްޤީކޮށް، ވަޒީފާގެ ފުރުސަތުތައް ހުުޅުއްވާލައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.