ދައުލަތުގެ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ނޫސްވެރިޔާ، ހަފްސީ އަބްދުﷲ އެމްޑީޕީއާ ގުޅި، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އެކު ނ. އަތޮޅު ކެމްޕެއިންގައި ބައިވެރިވެއްޖެއެވެ.
ތޭރަ އަހަރުގެ ހިދުމަތަށް ފަހު، ޕީއެސްއެމުން އިސްތިއުފާދީ ހަފްސީ އެމްޑީޕީއާ ގުޅިފައި ވަނީ އާދީއްތަ ދުވަހުއެވެ. ޕަބްލިކް ބްރޮޑްކާސްޓަރެއްގެ ސިފަ ޕީއެސްއެމުން ގެއްލި، ތެދު ޚަބަރާއި އިޖްތިމާއީ، ސިޔާސީ އަދި އަހުލާގީ ސިފަތައް ކުރިއެރުވުމަށް ޒިންމާ ޓީވީއެމުން ފެނިގެން ނުދާ ކަމަށް ބުނެ، ޕީއެސްއެމުން ހަފްސީ އިސްތިއުފާ ދީފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
ހަފްސީ އެމްޑީޕީއާ ގުޅި، އިބޫއާ އެކު ނ. އަތޮޅަށް ކުރާ ދަތުރުގައި އޭނާގެ އުފަން ރަށް، ލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ހަފްސީ ބުނީ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބޮޑު ޖަލްސާގައި އޭނާ ބައިވެރިވި ކަމަށާއި އެ ޖަލްސާގައި ބައިވެރިވުމުން ރަނގަޅު ކޮޅުގައި ހުރެވުނު ކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ.
"އުފާވެރިކަމުގެ އިހްސާސްތަކެއް ކުރެވުނީ އެމްޑީޕީގެ މެމްބަރުން ޖުމްހޫރީ ޕާޓީގެ މެމްބަރުން، އަދާލަތު ޕާޓީގެ މެމްބަރުން، އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ މެމްބަރުންގެ ޖޯޝާއި ފޯރި ކެކިގެން އަރާތަން ފެނުނީމަ، އަޅުގަނޑަށް ވެސް ވަރަށް ފޯރިއާދޭ. އަޅުގަނޑުގެ ހިތަށް ވެސް އެރި އަދިކިރިޔާއޭ، ރަނގަޅު ދިމާލުގައި މި ހުރެވުނީ،" ޒުވާނުންގެ އިނާމުގެ ވެސް ހޯދާފައިވާ ހަފްސީ ބުންޏެވެ.

ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ހޯދާފައިވާ ހަފްސީ، ގުޅިފައިވާ ޕާޓީތަކާ އެކު މަސައްކަތް ކުރަން ފެށުމުން، އެކަމަށް ހިތްވަރު ދެއްވައި އެ ޖަލްސާގައި އިބޫ ވިދާޅުވީ ހަފްސީ ނުކުމެ ހުރީ މިނިވަން ނޫސްވެރިކަން ހޯދުމަށް ކަމަށެވެ.
"ޓީވީއެމްގައި ވަރަށް ބުރަކޮށް މަސައްކަތްކޮށް، ވަރަށް ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ ނޫސްވެރިއެއް. އެހެން ނަމަވެސް މިނިވަން ނޫސްވެރިކަން ނެތުމުން، އެހެން ނަމަވެސް މިނިވަން ނޫސްވެރިކަން ނެތުމުން، އެ މިނިވަންކަން ހޯދުމަށްޓަކައި ވަޒީފާ ދޫކޮށްލާފައި، ނުކުމެވަޑައިގެން އެ ހުންނެވީ،" އިބޫ ވިދާޅުވިއެވެ.
ވަޒީފާ ދޫކޮށްލުމަށް ފަހު، ގުޅިފައިވާ ޕާޓީތަކާ އެކު ހަފްސީ މަސައްކަތް ކުރަން ފަށާފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ ސިވިލްސާވަންޓުން ގެންދަނީ ފާޅުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދު ކުރައްވަމުންނެވެ.
އިބޫ ވައުދުވެވަޑައިގެންފައި ވަނީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެމަނިކުފާނުގެ ވެރިކަމެއްގައި ބަދަލު ދިނުމާ އެކު، ވަޒީފާ ވެސް އިޔާދަކޮށްދެއްވާނެ ކަމަށެވެ.