ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ދަނޑުވެރިކަން ކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ޑިއުޓީ ނުނަގާނެ ކަމަށް ކޯލިޝަން ކެނޑިޑޭޓްގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭ ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން އާންމުދަނީ ހޯދުމުގެ ގޮތުން ކުރާ މަސައްކަތުގެ ހަމަ އަގު ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ލިބޭނެ ކަމަށެވެ. ކަނޑޫދޫގެ ގިނަ ރައްޔިތުންނަކީ ދަނޑުވެރިކަން ކޮށްގެން އާންމުދަނީ ހޯދަމުން އަންނަ ބައެއްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ރާއްޖެ އެތެރެކުރާ ސާމާނުން އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ޑިއުޓީ މާފުކޮށްދޭނެ ކަމަށެވެ.
“އުފާވެރި ޙަބަރެއްގެ ގޮތުގައި އަޅުގަނޑު ތިބޭފުޅުންނަން ދަންނަވާލަން އޮތީ ދަނޑުވެރިކަން ކުރުމަށްޓަކައި ރާއްޖެ އެތެރެކުރެވޭ ސާމާނުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ޑުއުޓީ މާފްކޮށްދޭނަން،" ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ޒުވާނުންނަން ވަޒީފާގެ ފުރުޝަތު ފަހިކޮށްދޭން ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ކިނބިދޫ ދާއިރާގައި ރިސޯޓެއް ތަރައްގީކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ކަނޑޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ފަށާނެ ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި ފައިސަލް ކަނޑޫދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެ އަށް ފަހު ހިރިލަންދޫ، ވަންދޫ، އޮމަދޫ، ވޭމަންޑޫއަށް ހޯމަ ދުވަހު ފައިސަލް ވަޑައިގަންނަވާއިރު ހޯމަ ދުވަހުގެރޭ އެ އަތޮޅު ކިނބިދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާއެއް ބާއްވާނެއެވެ.
މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރޮޒޭނާ އާދަމް އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުން ބައިވެރިވަޑައިގަންވާން ފާހަގަކޮށްލެވެއެވެ.
ތިމަރަފުއްޓަށް ފަހު ގާދިއްފުށި، ގުރާދޫ، ދިޔަމިގިލި އަދި މަޑިފުއްޓަށް ފައިސަލް ވަޑައިގަންނަވާނެއެވެ. އަންގާރަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ ވިލިފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅު ފައިސަލް ނިންމާލައްވާނީ ބުދަ ދުވަހު ބުރުންޏަށް ވަޑައިގަތުމަށް ފަހުގައެވެ.
މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަން ތ. އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރައްވާ ދެ ވަނަ ކެމްޕެއިން ދަތުރުފުޅެވެ. ފައިސަލް ތ. އަތޮޅުގެ ހުރިހާ ރަށަކަށް މި ދަތުރުފުޅުގައި ވަޑައިގަންނަވާއިރު، އިބޫ ވަނީ ނިމިދިޔަ މަހުގެ ތެރޭގައި ތ. އަތޮޅު ހުރިހާ ރަށަކަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންފައެވެ.