ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ވާދަވެރިންގެ ކެމްޕޭނަކީ ވަޒީފާގެ ބިރު ދެއްކުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެ އަތޮޅު ލަންދޫއަށް ވަޑައިގެން، ރައްޔިތުންނާއި ބައްދަލުކުރައްވާ އިބޫ ވިދާޅުވީ ވާދަވެރިންގެ ފަރާތުން ފެނިގެންދަނީ ތަފާތު ކެމްޕޭނެއް ކަމަށެވެ. އެއީ ވަޒީފާގެ ބިރުދެއްކުމާއި، ވަޒީފާއިން މީހުން ވަކިކުރުން ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫގެ ވާހަކަފުޅުގައި ވަނީ އެގޮތަށް ވަޒީފާގެ ބިރުދައްކައި، ވަޒީފާއިން ވަކިކުރެވިފައިވާ ބައެއް މީހުންގެ ވާހަކަތައް ހިއްސާކުރައްވާފަ އެވެ. އެ ޒުވާނުންވެސް ތިބީ މި ސަރުކާރުގެ އަނިޔާވެރިކަމަށް ފާޅުގައި ނޫނެކޭ ބުނެގެން ކަމަށް އިބޫ ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދަކީ ކޮކްޓެއިލް ކޯލިޝަނެއްގެ ގޮތުގައި ވާދަވެރިން ސިފަކުރާއިރު، އެކަމަށް ރައްދުދެއްވައި އިބޫ ވިދާޅުވީ މަސައްކަތް ކުރައްވަނީ ތަފާތު ފިކުރުތަކުގެ ބޭފުޅުންނާއި އެކުގައި ކަމަށެވެ.
އިބޫ ވަނީ ލަންދޫއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ރަށުގެ ބަނދަރު ބޮޑުކޮށްދެއްވައި، މަސްވެރިންނަށް ފަސޭހައި އައިސް ލިބޭނެ ގޮތަށް އައިސް ޕްލާންޓެއް ޤާއިމްކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެއިތުރުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯތި ނުލިބުމުގެ މައްސަލަކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ ވެރިކަމަށް ވަޑައިގެން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރައްވަން ފައްޓަވާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތްދީ، އެ ހިދުމަތް ފުޅާކޮށްދެއްވާނެ ކަމަށްވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.
އިބޫ ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ލަންދޫއަށް ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި މި އަތޮޅުގެ އިތުރު ފަސް ރަށަކަށް އިބޫ މިއަދު (ހޯމަ ދުވަހު) ވަޑައިގަންނަވާނެ އެވެ. ނ. އަތޮޅުގެ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވެލިދޫގައެވެ.