މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޖަހަގައެއް އާދިއްތަ ދުވަހުގެ ރޭ ހުޅުވައިފިއެވެ.
ކުރިން "ރައްދެބައި ކެފޭ" ހުރި ތަނުގައި ހުޅުވި މި ޖަގަހަށް ދީފައިވާ ނަމަކީ "ފޯން" އެވެ. ޕީޕީއެމްގެ ބާނީ އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށް ހުކުމްކޮށްފައިވަނީ އެ މަނިކުފާނުގެ ފޯނު ފުލުހުންނަށް ނުދީގެން ކަމަށް ބުނެ ކުރި ދައުވާއާ ގުޅިގެންނެވެ.
އެ ޖަގަހަ ހުޅުއްވައިދެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމެވެ.
ޖަގަހަ ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެކަތިގަނޑަކަށްވެ ނިކުންނަން ޖެހުނު ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މުހިންމު ރޯލެއް އަދާ ކުރެއްވި ކަމަށް ވެސް އިބޫ ފާހަގަކުރެއްވިއެވެ.
އިބޫ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފައި ކަންތައްތައް ކުރެއްވި ގޮތް އެއްވެސް ރައްޔިތަކަށް ނޯޅޭނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންއަށް ކުރައްވާ ތާއީދު ރައީސް މައުމޫން އަނބުރާ ގެންދެވުމަކީ ރައްޔިތުންނަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށެވެ. ރާއްޖޭގެ ކަންކޮޅުތަކުން ރައީސް މައުމޫންއަށް ތާއީދު ކުރާ ގިނަ ރައްޔިތުންތަކެއް ތިބިކަން ވަރަށް ސާފުކޮށް ފެންނަކަމަށް ފާހަގަކުރައްވައި އިބޫ ވިދާޅުވީ ރައީސް މައުމޫން ޖަލުގައި ހުންނެވުމަށް އެ ރައްޔިތުން ބޭނުންފުޅު ނުވާ ކަމަށެވެ.
ރައީސް މައުމޫން ޖަލަށް ލާފައިވަނީ މި ސަރުކާރުން ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެމަނިކުފާނު ހައްޔަރު ކުރުމަށްފަހު، އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެމަނިކުފާނަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ފުލުހުންގެ ތަހްގީގަށް ފޯން ނުދެއްވި ކަމަށް ބުނެ އުފުލި ދައުވާއާ ގުޅިގެންނެވެ.