ނަރުހުންގެ މުސާރައަށް ގެނައި ބަދަލާ ގުޅިގެން ހިތްހަމަނުޖެހިގެން 400 އަށްވުރެ ގިނަ ނަރުހުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި އެ ޕެޓިޝަނުގައި ނަރުހުން ވަނީ މުސާރައިގެ އޮނިގަނޑަށް ގެނެއި ބަދަލުތަކުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ:
- ނަރުހުންގެ މަސައްކަތު ގަޑި އެހެނިހެން ސިވިލް ސާރވިސް މުވައްޒަފުންނަށްވުރެ އިތުރުވުން
- ނަރުހުންނަކީ ސިއްޙީ ދާއިރާގައި އެންމެ ބޮޑަށް ރިސްކް ހިމެނޭ މަސައްކަތް ކުރާ ބަޔަކަށް ވެފައި، ވަކިން ރިސްކް އެލެވެންސެއް ނެތުން.
- ދަންފަޅި އުސޫލުން މަސައްކަތް ކުރި ނަމަވެސް ދަންފަޅި އުސޫލުން މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި ޚިލާފަށް، ޝިފްޓް އެލެވެންސް ނުލިބުން
- ސަރވިސް އެލެވެންސް އެކި މަރުކަޒު (ސިއްޙީ ޚިދުމަތްދޭ) ތަކުގައި ތަފާތު ކުރެވިފައިވުން
- ތަޢުލީމާއި ތަޖުރިބާ ވަޒަން ކުރުމުގައި ތަފާތުތަކެއް ހުރުން (އޮނިގަނޑުގައިވާ އުސޫލުން މަގާމުމުތައް ބަދަލު ކުރެވުނު ނަމަވެސް އެއްލެވެލްއެއްގެ ސެޓްފިކެޓް އަދި ތަޖުރިބާ ހުރި މުވައްޒަފުންގެ މަޤާމު ތަފާތުވުން)
- ރެޖިސްޓަރޑް ނަރުހުން އަދި މިއަށްވުރެ މަތީ މަޤާމުތަކަށް ކިޔެވުމަށް ވަކި އެޖެސްޓްމެންޓް އެލެވެންސެއް ހިމެނިފައި ނުވުން
- މަޤާމުތަށް ބަދަލުކުރުމުގައި ކުރީގައި މަސައްކަތް ކޮށްފައިވާ މުއްދަތަށް ރިޢާޔަތް ކޮށްފައިނުވުން (ޕްރޮމޯޝަން ނުދީ ހިފެހެއްޓިފައި ތިބުމުގެ ސަބަބުން ކުރިއަށް ނުދެވި ތިބި ނަރުހުނަށް މިކަމުގެ ސަބަބުން ނިހާޔަތަށް ގެއްލުން ލިބެއެވެ.)
- ޓެކްނިކަލް ކޯ އެލެވެންސް އުނިކުރެވިފައިވުން.
- އޮނިގަނޑުގައި އެންރޯލްޑް ނަރުހުނަށް ލިބޭ އެޑްޖެސްޓްމަންޓް އެލެވެންސްގެ ވާހަކަ ހިމަނިފައިނުވުން
- ސަލާމްގައި ހުންނަ ދުވަހަށް ސަރވިސް އެލެވެންސް އުނިކުރުން
- ނަރުހުންގެ ތެރޭގައި ގިނައީ އަންހެން ކަމަށްވެފައި ރޯދަ މަހުވެސް ސިވިލް ސަރވިސް އެހެން މުވައްޒަފުނަށްވުރެ ގިނަ ވަގުތު މަސަތްކުރަން ޖެހުނު ކަމުގައި ވިޔަސް އިތުރުގަޑީގެ ލާރި ލިބެން ނެތުން
- އެންރޯލްޑް ނަރުހުންގެ ތެރޭގައި ތިބި މިޑްވައިފުންނަކީ ވަރަށް ގިނަ ހިދުމަތްތަކެއް މިހާރުވެސް މި ދާއިރާއަށް ކޮށްދެމުންދާ ބައެއްކަމުގައި ވީނަމަވެސް ސްޕެޝަލިޓީ ގުރޫޕްގައި ހިމަނާފައިނުވުން.
އެތައް ޒަމާންތަކެއް ވަންދެން ރައީސް އޮފީހުގައި ހިފަހައްޓާފައި އޮތް އޮނިގަނޑަށް އަމަލުކުރަން ފަށާފައިވާއިރު ކޮންމެ ނަރުހެއްގެ އަސާސީ މުސާރައިން 15 ޕަސެންޓް އިތުރު ކުރެވިފައިވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އަސާސީ މުސާރަ އެ ވަރަށް ބޮޑުކޮށްފައިވީ ނަމަވެސް ލިބެމުން ދިޔަ ގިނަ އެލަވަންސްތަކާއި މަސައްކަތްކުރަންޖެހޭ ވަގުތު އިތުރުކުރުމުން އޯޓީގެ ގޮތުގައި ލިބޭ ފައިސާ މަދުވެ، ގެއަށް ގެންދަން ލިބޭ އާމްދަނީ ބައެއް ނަރުހުންނަށް ކުރިއަށް ވުރެ ވެސް މަދުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެއެމްވީއާ ވާހަކަދެއްކި ބައެއް ނަރުހުން ބުނީ މަސައްކަތް ކުރަންޖެހޭ ވަގުތު އަށް ގަޑިއިރަށް އިތުރުކުރުމުން ކުރިން ލިބޭ އިތުރު ގަޑީގެ ފައިސާ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށާއި އެހެންކަމުން 15 ޕަސެންޓްގެ އިތުރުވުން، ގެއަށްގެންދާ މުސާރަ ނުފެންނަ ކަމަށެވެ.
ނަރުހުންގެ މުސާރައިގެ އާ އޮނިގަނޑުގެ ތެރެއިން ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންމެ ދެ އަހަރަކުން ވަޒީފާގެ ކުރިއެރުން ލިބޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެޑްވާންސް ސެޓްފިކެޓް ލެވެލްގެ އެންރޯލްޑް ނަރުހުން ދެ އަހަރުގެ ތެރޭގައި ޑިޕްލޮމާ އަށް ކިޔަވަން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިކުރުމަށް އޮނިގަނޑުގައި ވަނީ ހިމަނާފައެވެ.
އެހެން ނަރުހަކު ބުނީ މުސާރަ ބޮޑު ކުރުމުގެ ސަބަބުން ރަޖިސްޓާޑް ނަރުހުންގެ މުސާރައިން އެވްރެޖްކޮށް 1000ރ. ކުޑަވެފައިވާ ކަމަށެވެ. މީގެ އެއް ސަބަބަކީ އަސާސީ މުސާރަ ބޮޑުކުރުމުން ޕެންޝަނަށް ކަނޑާވަރު ބޮޑުވެގެން ދިއުން ކަމަށާއި އޯޓީ ވެސް ކުޑަވާނެތީ ކަމަށެވެ.