މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓު ލާން ހުޅުވާލާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ.
އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އިންޑިއާ އަދި ސްރީލަންކާގައި ވޯޓުލާން ފަށާނީ އެގައުމުތަކުގެ ގަޑިން ހެނދުނު 08:30 ގައި ކަަމަށެވެ. އަދި ވޯޓު ފޮށި ބަންދު ކުރާނީ ހަވީރު 16:30ގައި ކަމަށެވެ.
އިނގިރޭސިވިލާތުގައި ވޯޓުލާން ފަށާނީ އެގައުމުގެ ގަޑިން ހެނދުނު 09:30 ގައެވެ. އަދި ވޯޓު ފޮށި ބަންދު ކުރާނީ އެގަމުގެ ގަޑިން 17:30 ގައެވެ. މީގެއިތުރުން މޭލޭޝިއާގައި ވޯޓުލާން ފަށާނީ އެގައުމުގެ ގަޑިން 11:00 ގައެވެ. އަދި ވޯޓު ފޮށި ބަންދުކުރާނީ 19:00 ގައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ އެ ހަތަރު ގައުމުގައި އެކަންޏެވެ. ސްރީލަންކާގައި ދެ ވޯޓު ފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާއިރު އަނެއް ތިން ގައުމުގައި ބަހައްޓަނީ އެންމެ ވޯޓް ފޮއްޓެކެވެ. އެހެންކަމުން މިފަހަރު ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ޖުމްލަ 05 ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.