ތ. ކަނޑޫދޫއަށް ފޮނުވި ވޯޓު ފޮށްޓެއް، ވޯޓު ފޮށީގެ އޮފިޝަލެއްގެ ގެއަށް ވެއްދި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ވޭތުވެދިޔަ ވޯޓު ފޮށި ރަށަށް ގެނައުމަށްފަހު، ވޯޓު ފޮށިތައް ބަހައްޓަނީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ކަމަށާއި ނަމަވެސް މިފަހަރުގެ އިންތިހާބާ ގުޅިގެން އިލެކްޝަނުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓެއްގެ ގެއަށް ވޯޓު ފޮށި ވައްދާފައިވާ ކަމަށެވެ. އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ފޮނުވާފައިވާ ކަމަށް ނާސިހު ވިދާޅުވިއެވެ.
ކަނޑޫދޫއަށް ގެންދިޔަ ވޯޓު ފޮށި ވައްދާފައި ވަނީ އެ ރަށުގެ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަބްދުﷲ ދިރިއުޅޭ ގެއަށެވެ.
މުހައްމަދު އަބްދުﷲއަށް "ރާއްޖެއެމްވީ"ން ގުޅާލުމުން ވިދާޅުވީ އޭނާ ހުންނެވީ އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމެއްގައި ކަމަށާއި ފޯނުން ދައްކާ ވާހަކަ ސާފު ނުވާ ކަމަށެވެ. ނަމަވެސް ރާއްޖެއެމްވީން އޭނާއަށް މެސެޖުކޮށް، ވޯޓު ފޮށި ގެއަށް ގެންދިޔައިންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބެއް ނުދެއްވައެވެ. އަދި ފަހުން ގުޅާލުމުން އޭނާ ފޯނަށް ޖަވާބެއް ވެސް ނުދެއްވިއެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް ނާސިހު ތުހުމަތު ކުރެއްވި ގޮތުގައި މުހައްމަދު އަބްދުﷲއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގައި އޭނާ އުޅުނު ކަމަށް ނާސިހު ތުހުމަތު ކުރެއްވިއެވެ.
އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމާ ސުވާލު ކުރުމުން، އޭނާ ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.
ޕީޕީއެމްގެ އިސްކޮށް ހަރަކާތްތަކުގައި އުޅުނު މީހަކު، އޮފިޝަލެއްގެ ގޮތުގައި ކަނޑައަޅައި އޭނާގެ ގެއަށް ވޯޓު ފޮށި ވެއްޓި މައްސަލަ ކަނޑޫދޫއިން ފެންމަތިވެފައި ވަނީ، އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ގިނަ އަދަދެއްގެ ޕީޕީއެމް އެކްޓިވިސްޓުން އޮފިޝަލުންގެ ގޮތުގައި ނަގާފައިވާ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 32 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ވޯޓު ފޮށިތަކުގައި ތިބޭ މީހުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، އެ މަސްއޫލިއްޔަތު އަދާ ކުރަންޖެހޭނެ ބައެކެވެ. އޮފިޝަލުންގެ ޝަރުތުތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި ކެންޑިޑޭޓަކަށް ތާއިދު ހޯދުމުގެ މަސައްކަތުގައި އުޅޭ މީހަކަަށް ނުވުމެވެ.