ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވައުދުވެ ވަޑައިގެންފިއެވެ.
އެތައް ހާސް ސަޕޯޓަރުންނާ އެކު މާލޭގެ ކާނިވާ ސަރަހައްދުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިން އަހަރަށް ފަހު މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެއްވެސް މީހަކަށް ވަޒީފާގެ ބިރު ނުދައްކަވާނެ ކަމަށެވެ. އަދި ވަޒީފާގެ ރައްކާތެރިކަން އެންމެންނަށް ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ބޮޑު ޖަލްސާ އަށް ވެސް މަޖުބޫރުކޮށްގެން ގެނެސްފައިވާ އެކަކު ވެސް ނުހުންނާނެކަން އިބޫ ފާހަގަކުރެއްވިއެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މާޒީވެގެން މިދާ ފަސް އަހަރަކީ ދިވެހިންނަށް ފެނުނު އެންމެ ބިރުވެރި 5 އަހަރު ކަމަށާއި، ކޮރަޕްޝަން އިތުރުވެ، އިންސާފު ގެއްލިގެން ދިޔަ ފަސް އަހަރު ކަމަށެވެ. އަދި މި ފަސް އަހަރަކީ ދިވެހިން ދުށް އެންމެ ހުދުމުޚުތާރު ފަސް އަހަރު ކަމަށް ވިދާޅުވެ، އިބޫ ވިދާޅުވީ ރައްޔިތުންގެ ރުހުމާއި ތާޢިދު ރައީސް ޔާމީނަށް ނެތް ކަމަށެވެ.

މީގެ އިތުރުން އިބޫގެ ވެރިކަމުގެ ފުރަތަމަ ދޮޅު އަހަރު އިންތިޤާލީ އިންސާފުު ޤާއިމު ކޮށްދެއްވާނެ ކަމަށް އިބޫ ވައުދުވެ ވަޑައިގަތެވެ. އެގޮތުން އެއްވެސް މީހެއްގެ ވަޒީފާ ނުހައްޤުން ގެއްލުވާފައިވާ ނަމަ ނުވަތަ އެއްވެސް މުދަލަކަށް ނުހައްޤުން އަރައިގެންފައިވާ ނަމަ އެކަމުގެ ބަދަލު ހޯއްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އިބޫ ވިދާޅުވީ ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކާފައި ވަނީ ކާކަށް ކަމެއް، އެއިން ނެގީ ކިހާ ފައިސާއެއްކަން ވެސް އެނގެން ނެތް ކަމަށެވެ. އަދި އެކަން ދެނެގަނެވޭނެ ގޮތެއް ސެޕްޓެމްބަރު 23 ގެ ވޯޓުން ނޫނީ ދެނެގަނެވޭނެ އަލިމަގެއް ނެތް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އަދި މިއިން ކަމެއްގެ ވާހަކަ ދައްކާއިރަށް ރައީސް ޔާމީން ދައްކަނީ ތަރައްޤީގެ ވާހަކަ ކަމަށް އިބޫ ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ދަރަނި ބޮޑުކޮށްފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ މީހަކަށް ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ ނަމުގައި ދަރަނި ނެގޭނީ ރައްޔިތުންގެ ހުއްދަ ލިބިގެންނެވެ.
"އަޅުގަނޑު ތިބޭފުޅުންގެ ލޯލާރިއެއްގައި ވެސް ނުޖެހޭނަން،" ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އިސްލާމް ދީން އެހެން ދީނަކަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ރާއްޖެ އޮންނާނީ ލާމަރުކަޒީ ރާއްޖެއެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޤްތިޞާދީ ސިޔާސަތާ ބެހޭ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިޤްތިޞާދު ހަމަޔަކަށް އަޅުވަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކޮރަޕްޝަން ނައްތާލުން ކަމަށެވެ.
މީގެ އިތުރުން ވެސް އެހެން ބައެއް ވައުދުތައް އިބޫ ވެވަޑައިގަތެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމަށް ތިމާވެށީގެ ޤާނޫނީ ނިޒާމް ވަރުގަދަކޮށް، ތިމާވެށީގެ މައްސަލަތަކަށް އެއްވެސް ވަރަކަށް އިހުމާލު ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި މަހަށް ހަމަ އަގު ހޯއްދަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންހެނުންގެ ހައްޤުތައް ހިމާޔަތްކޮށްދީ، އިޤްތިޞާދީ ފުދުންތެރިކަން އަންހެނުންނަށް ހޯއްދަވައިދެއްވާނެ ކަމަށް އިބޫ ވައުދުވެ ވަޑައިގެންނެވިއެވެ.
އިބޫ ވަނީ މިދިޔަ ފަސް އަހަރު ހިނގާފައިވާ މަރުގެ މައްސަލަތައް ތަހުޤީޤުކުރައްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންފައެވެ.