މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ނުފޫޒުގެ ތެރެއިން ވޯޓު ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު އަމިއްލަފުޅަށް އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން އެގޮތަށް އެދިވަޑައިގެންފައި ވަނީ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބްރިޖު ސަޅި" ކެމްޕެއިން ޖަލްސާގައެވެ.
ޖަލްސާއަށް ހާޒިރުވެ ތިބި މީހުންނަށް އިލްތިމާސް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެތަނުގައި ތިއްބެވި ކޮންމެ މީހެއްގެ ވޯޓާއި އެއިން ކޮންމެ މީހަކު ނުފޫޒުގެ ތެރެއިން، ހޯދެން އޮތް ވޯޓެއް ހޯދައި ދިނުމަކީ އެމަނިކުފާނުގެ އިލްތިމާސެއް ކަމަށެވެ.
"މި މަހުގެ 23 ވަނަ ދުވަހު ނަގާ ވޯޓަކީ މުހިއްމު ވޯޓެކޭ. ވަރަށް އިހްލާސްތެރިކަމާއެކީ ތިއިން ކޮންމެ ބޭފުޅެއްގެ ވޯޓާއި ތިން ކޮންމެ ބޭފުޅެއް ނުފޫޒުގެ ތެރެއިން ހޯއްދެވޭނެ ވޯޓެއް ހޯއްދަވައި ދެއްވުމަކީ ވަރަށް އިހްލާސްތެރިކަމާ އެކީ އަޅުގަނޑު އެދޭ އެދުމެކޭ، ދަންނަވާ އިލްތިމާސެކޭ. މިކަން ކޮށްދެއްވާށޭ،" ރިޔާސީ އިންތިހާބަށް ދެ ހަފްތާއަށްވެފައި ވަނިކޮށް، ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އެގޮތަށް އިލްތިމާސް ކުރައްވާފައި ވަނީ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން، ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިކޮށް، ތާއިދު ދެއްކުމުގެ ގޮތުން އެ މުވައްޒަފުން ބޭނުންކޮށްގެން ޕީޕީއެމުން ކެމްޕެއިން ހަރަކާތްތައް ހިންގަމުން ދަނިކޮށެވެ.