ކ. މާލެ
|
2 ސެޕްޓެންބަރ 2018 | އާދީއްތަ 19:43
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އޭއެފްޕީ
އެމެރިކާގެ ވިޔަފާރި
އދގެ ވިޔަފާރި ޖަމްއިއްޔާއިން ވަކިވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ހިތްހަމަޖެހޭ ގޮތަކަށް ޑަބްލިޔު.ޓީ.އޯ އިސްލާހު ނުކޮށްފިނަމަ އެޖަމްއިއްޔާއިން އެޤައުމު ވަކިވާނެކަމަށް

އދގެ ދަށުން ހިންގާ ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާ، ވާރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔު.ޓީ.އޯ) އިން އެމެރިކާ ވަކިވެދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ ޑަބްލިޔު.ޓީ.އޯ އިން އެމެރިކާއާއި މެދު އަމަލުކުރަމުންދަނީ އިންސާފުން ނޫންކަމަށެވެ. ބްލޫމްބަރގް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ހިތްހަމަޖެހޭ ގޮތަކަށް ޑަބްލިޔު.ޓީ.އޯ އިސްލާހު ނުކޮށްފިނަމަ އެޖަމްއިއްޔާއިން އެޤައުމު ވަކިވާނެކަމަށެވެ. އަދި ޑަބްލިޔު.ޓީ.އޯ އިން މައްސަލަތައް ނިންމަނީ އެމެރިކާއާއި ދެކޮޅަށްކަމަށެވެ. 

މީގެ ކުރިން ފޮކްސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ޑަބްލިޔު.ޓީ.އޯ އުފެދިފައިވަނީ އެމެރިކާ ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ފައިދާ ވާ ގޮތަށް އުފައްދާފައިވާ ޖަމްއިއްޔާއެއްކަމަށެވެ. އެހެންނަމަވެސް ދިރާސާތަކުން ދައްކާ ގޮތުން އެމެރިކާއިން ޑަބްލިޔު.ޓީ.އޯއަށް ހުށަހަޅާ މައްސަލަތަކުގެ 90 އިންސައްތަ އެޤައުމާއި އެއްކޮޅަށް ނިމޭއިރު، އެޤައުމާއި ދެކޮޅަށް ހުށަހެޅޭ މައްސަލަތަކުގެވެސް ގާތްގަނޑަކަށް 90 އިންސައްތަ ނިމެނީ އެޤައުމާއި ދެކޮޅަށެވެ. 

ޑަބްލިޔު.ޓީ.އޯ އިން ވަކިވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ހުޅުވާލެވިފައިވާ ވިޔަފާރީގެ ސިޔާސަތުތަކާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެހެންނަމަވެސް ޑަބްލިޔު.ޓީ.އޯ އިން މަސައްކަތްކުރަނީ ބައިނަލްއަޤްވާމީ ވިޔަފާރިއަކީ ވީހާވެސް ހުޅުވާލެވިފައިވާ ވިޔަފާރިއަކަށް ހެދުމަށެވެ.

އެމެރިކާއިން ވަނީ ސްވިޓްޒަލެންޑްގެ ޖެނީވާގައި ޤާއިމްކޮށްފައިވާ ޑަބްލިޔު.ޓީ.އޯގެ މައްސަލަތައް ބަލާ ގުނަވަނަށް ފަނޑިޔާރުން އައްޔަންކުރުންވެސް ހުއްޓުވާފައެވެ. 

ޑަބްލިޔު.ޓީ.އޯއިން ވަކިވާން އެމެރިކާއިން އިންޒާރު ދިން އިރު، ޔޫރަޕާއި، ޗައިނާ އަދި އުތުރު އެމެރިކާ ސަރަހައްދުގެ ޤައުމުތަކާއި އެމެރިކާއާއި ދެެމެދު ބައިނަލްއަޤްވާމީ ވިޔަފާރީގެ ބޮޑެތި މައްސަލަތަކެއް ވަނީ ޖެހިފައެވެ.

ޑަބްލިޔު.ޓީ.އޯ އަކީ ދުނިޔޭގެ ވިޔަފާރިއާއި، އެކި ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ޤަވާޢިދުތަކާއި އުޞޫލުތައް ހަދައި، ޤައުމުތަކުގެ މެދުގައި ޖެހޭ ވިޔަފާރީގެ މައްސަލަތައް ހައްލުކުރުމަށް އުފައްދާއިވާ ޖަމްއިއްޔާއެކެވެ. 

- ކޮމެންޓް