ސަލްމާން ޚާންގެ މަންމަ ސަލްމާ އާއި އެކު ކެޓްރީނާ ކެއިފް ނަގާފައިވާ ފޮޓޯއެއް ސަލްމާންގެ އަންހެން ކޮއްކޮ އަރްޕިތާ ޚާން ޝަރްމާ އިންސްޓަގްރާމް ކުރުމަށް ފަހު އަވަހަށް ޑިލީޓް ކޮށްލައިފި އެވެ.
"ބާރަތް" ޝޫޓިން މޯލްޓާގައި ކުރިއަށް ދިޔައިރު ނަގާފައިވާ އެ ފޮޓޯގައި ކެޓްރީނާ ފެނިގެންދަނީ ވެޑިން ޑްރެސް އެއް ލައިގެން ސަލްމާންގެ މަންމަގެ ގައިގައި ބައްދާލައިގެން ހުއްޓައެވެ. އެ ފޮޓޯ އިންސްޓަގްރާމް ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަރްޕިތާ ވަނީ ޑިލީޓް ކޮށްލާފައެވެ. ނަމަވެސް އެ ފޮޓޯ ޑީލީޓް ކޮށްފައިވަނީ ކީއްވެގެން ކަމެއް ނުބުނެއެވެ.
އަރްޕިތާ މި ފޮޓޯ ޝެއަރ ކުރުމާއި އެކު އެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ގޮސްފައެވެ. ފޭނުން ވަނީ މި ފޮޓޯ ޝެއަރކޮށް "ސާސް ބަހޫ ގޯލްސް" ފަދަ ފަދަ ތަކެތި ލިއުމަށްފަހު ކޮމެންޓް ވެސް ކޮށްފައެވެ.
އަރްޕތާގެ ފިރިމީހާ އަދި "ލަވްރާތްރީ" ގެ އެކްޓަރ އާޔުޝް ޝަރްމާ އޭނާގެ ފިލްމް "ލަވްރާތްރީ" ޕްރޮމޯޓްކުރުމަށް ދިޔަ އިވެންޓެއްގައި "ބޮލީވުޑް ލައިފް" އަށް ބުނެފައިވަނީ އެފޮޓޯ ޑިލީޓްކުރި ސަބަބު އޭނާއަށް ނޭންގޭ ކަމަށެވެ. އެ ފޮޓޯއާއި ނުގުޅޭ ކޮމެންޓްތައް ކުރުން ހުއްޓުވުމަށް ކަމަށްވެސް ވެދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
2019 ވަނަ އަހަރު އީދުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ބާރަތް" ގެ ޝޫޓިންތައް ނެގުމަށް ފިލްމްގެ ކާސްޓުންނާއި ކްރޫއިން މޯލްޓާއަށް ދިޔައިރު އެޓީމާއި އެކު ސަލްމާންގެ މަންމަ ސަލްމާވެސް ވަނީ އަންހެން ދަރިފުޅު އަލްވިރާ އާއި އެކު މޯލްޓާއަށް ގޮސްފައެވެ.
ސަލްމާން އާއި ކެޓްރީނާ ވަނީ ގިނަ ފިލްމް ތަކެއްގައި އެކުގައި މަސައްކަތް ކޮށްފައެވެ. އަދި މި ދެ ތަރިން ރައްޓެހިވެގެން އުޅުމަށްފަހު އަހަރުތަކެއް ކުރިން ވަނީ ރުޅިވިނަމަވެސް މި ދެމީހުންނަކީ ދެ ރަހުމަތްތެރިންނެވެ. ކެޓްރީނާ މިވަގުތު މަސައްކަތް ކުރަމުންދަނީ ސަލްމާންގެ ފިލްމް "ބާރަތް" ގައެވެ.
ފިލްމްގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން މޯލްޓާގައި ޝޫޓްކުރުމަށް ޝެޑިއުލް ކޮށްފައިވާ މަންޒަރުތައް ނަގާނިމިފައިވާކަން އިއުލާން ކޮށްފައެވެ. މޯލްޓާގެ ޝޫޓިންތައް ނިންމާލުމަށްފަހު ސަލްމާން ވަނީ އެނބުރި އިންޑިއާއަށް ގޮސްފައެވެ. ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ ގޮސްފައިވަނީ ލަންޑަނަށެވެ.