ތާރީޚީ ހާދިސާތަކުގެ މައްޗަށް މޮޅެތި ފިލްމްތަކެއް އުފައްދައި މަޝްހޫރުކަން ހޯދާފައިވާ ބޮލީވޫޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިހާރު އުފައްދަމުން އަންނަ "ޕަދްމާވަތީ"ގެ ސެޓަށް ވަދެ ތަކެއްޗަށާއި އޭނާ އަށް ދިން ހަމަލާ މުޅި ބޮލީވުޑުން ކުށްވެރިކޮށްފިއެވެ.
ޖަޔަޕޫރުގުގައި ހަދާފައިވާ ސެޓަށް ހަރުކަށި ހިންދޫންގެ ބަޔަކު ވަދެ ހަމަލާދިން މައްސަލައާ ގުޅިގެން ބޮލީވޫޑްގެ މަޝްހޫރު އެތައް ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މަޝްހޫރު ޑިރެކްޓަރު އަދި ޕްރޮޑިއުސަރު މަހޭޝް ބަޓް ބުނީ ފަހަކަށް އައިސް ސިޔާސީ އަދި ދީނީ ހަރުކަށި ވިސްނުންތަކުގެ ސަބަބުން މިނިވަން އުފެއްދުންތެރި ހިޔާލަށް ހުރަސް އެޅެމުންދާ ކަމަށައި އުފެއްދުންތެރިކަން ވަކި އިމެއްގައި ހިފެހެއްޓިގެން ގޮސްފައިވާ ކަމަށެވެ. އަދި އާޓަކީ އެއްވެސް ބިރުވެރިކަމެއް ޖެހިލުމެއް ނެތި ފާޅުކުރެވެންޖެހޭނެ ހުނަރެއް ކަމަށާއި ވަކި ބައެއްގެ ވިސްނުމުގެ ތެރެއަށް އެކަން ފައްތަން ނުޖެހޭ ކަމަށް ވެސް މަހޭޝް ބަޓް ބުންޏެވެ.
އެހެން ޕްރޮޑިއުސަރެއް ކަމަށްވާ މުކޭޝް ބަޓް ބުނީ ފިލްމު އުފެއްދުންތެރިއަކަށް ރޯމާދުވާލު ޖިސްމާނީ އަނިޔާއެއް ދިން އިރު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހަމަހިމޭނުން ތިބުމުން ހައިރާންވާ ކަމަށެވެ. އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ނުދެވޭ ނަމަ އެކަން ތަކުރާރުވާނެ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށް ވެސް މުކޭޝް ބަޓް ބުންޏެވެ.
އެހެން ޕްރޮޑިއުސަރެއް ކަމަށްވާ ރާޖްކުމާރު ގުޕްތާ ބުނީ ބަންސާލީ އަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ހިލާފު ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
މަޝްހޫރު އެކްޓަރު ނަސީރުއްދީން ޝާހް ބުނީ މި ކަމުމުގައި ސަރުކާރުން ކަނުލޮލެއް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފިލްމް އުފެއްދުންތެރިއެއް ކަމަށްވާ ރާމް މަދަވާނީ ބުނީ މި މައްސަލައިގައި މުޅި ފިލްމް އިންޑަސްޓްރީ އެކަތިގަނޑަކަށް ވާންޖެހޭ ކަމަށާއި މި ކަމާ ދެކޮޅަށް އެންމެން މަސައްކަތްކުރަން އެބަޖެހޭ ކަމަށެވެ.
ތާރީޚީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބަންސާލީ އުފައްދަމުން އަންނަ މި ފިލްމުގެ ޝޫޓީންގައި ފލްމްގެ ކުރޫއާ އެކު ހުކުރު ދުވަހު ޖެއިޕޫރުގައި އޭނާ ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން ފިލްމުގެ މަސައްކަތް މެދު ކަނޑާލާފައި ވާއިރު ބަންސާލީ ވަނީ މުމްބައީ އަށް ދިއުމަށް ނިންމާފައެވެ.
ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ވިކްރަމް ސިންހަ އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ އެ ފިލްމުގައި ރާނީ ޕަދްމިނީއާ ގުޅޭ ގޮތުން ގެނެސްދީފައި ވަނީ ދޮގު މައުލޫމާތު ކަމަށާއި އެޕާޓީން މުޒާހަރާ ކުރަމުން ދަނީ ތާރީޚީ ގޮތުން ދޮގު މައުލޫމާތު ގެނެސްދޭތީ ކަމަށެވެ.
އެންމެ ފުރަތަމަ ވެސް ބަންސާލީގެ މި ފިލްމަކީ ޗިޓޯރުގެ ރަސްކަލުން ރަތަންސޭންގެ އަނބިކަނބަލުން ރާނީ ޕަދްމިނީ ( ޕަދްމާވަތީ ) ގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަން ހާމަ ކުރުމާ އެކު ރާޖަސްތާނަށް ނިސްބަތްވާ ޕަޓޭލް ނަވްނިރްމަ ޕާޓީން ވަނީ މި ފިލްމުގައި ރާނީ ޕަދްމިނީގެ ހަޔާތާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ހިމެނޭ ނަމަ ފިލްމް އެއްވެސް ތަނެއްގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.