ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު ގެލެކްސީ ނޯޓް 9 ރާއްޖޭގައި ރަސްމީކޮށް ހުކުރު ދުވަހުގެ ރޭ ތައާރަފު ކުރަން ނިންމައިފިއެވެ.
ދިރާގު ހެޑް އޮފީހުގައި ބާއްވާ ހަފުލާގައި ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީއޯޑަރ ކުރެއްވި ކަސްޓަމަރުންނަށް ފޯނު ހަވާލު ކުރުން އޮންނާނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފޯނު ޕްރީ އޯޑަރ ކުރި ކަސްޓަމަރުންނަށް އަންނަ ހަފުތާ އިން ފެށިގެން އެ ކަސްޓަމަރަކާއި އެންމެ ގާތް ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ދިރާގުން ވަނީ ހަމަޖައްސާފައެވެ.
ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ފްލޭގްޝިޕް ފޯނުތައް، އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ތައާރަފް ކުރާ އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެހެންކަމުން މިފަހަރުވެސް ދިރާގު މެދުވެރިކޮށް ނޯޓް 9 ނެގި ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހެއްގައި ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތް ސްޕީކަރެއްވެސް ޕްރީ އޯޑަރ ކުރެއްވި ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ.
ސެމްސަންގް ގެ އެންމެ ފަހުގެ މި ފޯނު އަމިއްލައަށް ޓެސްޓް ކުރުމުގެ އިންތިޒާމު މިހާރުވެސް ދިރާގު ހެޑް އޮފީހުގެ އެކްސްޕީރިއަންސް ސެންޓަރ ގައި ވަނީ ހަމަޖައްސާފައެވެ.
ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން އަންނަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީކޮށް ތައާރަފު ކުރަމުންނެވެ.
ސެމްސަންގް ގެލެކްސީ ނޯޓް 9 ގެ ތެރެއިން ތިން ވައްތަރެއްގެ ކުލައެއްގެ ފޯނު ހިޔާރު ކުރެވެއެވެ. އެ ކުލަތަކުގެ ތެރޭގައި މިޑްނައިޓް ބްލެކް، އޯސަން ބްލޫ، އަދި މެޓަލިކް ކޮޕާ ހިމެނެއެވެ.
ނޯޓް 9 ގައި ހުންނަނީ 6.4 އިންޗްގެ ސުޕަރ އެމޮލެޑް ޑިސްޕްލޭއެކެވެ. ހަމައެހެންމެ މުޅި ދުވަހު ބޭނުން ކުރެވޭވަރުގެ 4000 އެމްއޭއެޗްގެ ބެޓަރިއަކާއެކު ފޯނު އަންނައިރު 8 ޖީބީގެ ރެމް ހުންނާނެއެވެ. ހަމައެހެންމެ 512 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހުންނައިރު 512 ޖީބީގެ އެކްސްޓާނަލް ސްޓޯރޭޖްއަށް ވެސް ސަޕޯޓް ކުރާނެއެވެ. މިއާއެކު ނޯޓް 9 ވެގެންދާނީ ފްލެގްޝިޕް ފޯނުތަކުގެ ތެރެއިން 1 ޓީބީގެ ސްޓޯރޭޖް ހުންނަ ފުރަތަމަ ފޯނަށެވެ.
މިދިޔަ އަހަރުގެ ނޯޓް 8 އެކޭ އެއްގޮތަށް ނޯޓް 9 ގައި ވެސް ޑުއަލް ކެމެރާ ހުންނައިރު ދެ ކެމެރާއަކީ ވެސް 12 މެގަޕިކްސެލް ޑުއަލް އެޕަރޗަރގެ ކެމެރާތަކެކެވެ. ނޯޓް 9 އިން ސުޕަރ ސްލޯ މޯޝަން ވީޑިއޯ ރެކޯޑް ކުރެވޭނެއެވެ.
މިފަހަރުގެ ނޯޓްއާއެކު އަންނަ އެސް ޕެންއަށް ވެސް ވަނީ ބޮޑު ކުރިއެެރުންތަކެއް ގެނެސްފައެވެ. އެސް ޕެންއަށް ބުލޫޓޫތު ސަޕޯޓް ކުރާއިރު ފޯނާއި 30 ފޫޓު ދުރުން އެސް ޕެން ބޭނުން ކުރެވޭނެއެވެ. މިއަހަރު ވެސް ނޯޓް 9 އަކަށް ފާސްޓް ޗާޖިން އަދި ފާސްޓް ވަޔަލެސް ޗާޖިން ސަޕޯޓްކުރާނެއެވެ.
އެމެރިކާ އަދި އިންގްލޭންޑްގެ މާކެޓަށް ނޯޓް 9 އެއް ރިލީޒް ކޮށްފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ.