މި ސަރުކާރުން ކުރާ ބޭކާރު ހަރަދުތައް ހުއްޓާލުމުން ދެ ތިން ގުނަ އިތުރަށް ތަރައްގީ ގެނެވޭނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރ. ރަސްގެތީމަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިބޫ ވިދާޅުވީ ރާއްޖޭގެ ތަރައްގީ ހުއްޓިފައި އޮތީ ވައްކަމާއި ހިޔާނާތުގެ ސަބަބުން ކަމަށެވެ. އިބޫ ވަނީ މި ސަރުކާރުން ފަޅުތަކާއި ރަށްތައް ރައްޔިތަކަށް އެއްވެސް ފައިދާއެއް ނުވާނެ ގޮތަށް ނުއަގުގައި މީހުނަށް ވިއްކާފައި ކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ފައިސާގައި ހިޔާނާތުގެ މައްސަލަ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ބެލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވާ ވާހަަކަފުޅު ތަކުރާރުކުރެއްވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ލިބޭ ފުރުސަތަކީ އިންސާފު ގާއިމުކުރަން އާއެކޭ ބުނަން ލިބޭ ފުރުސަތެއް ކަމަށް އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްގެތީމުގެ ބަނދަރުގެ ދަތިކަން އޮތްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ލަފާފުރުމަށް ދިމާވެފައިވާ މައްސަލައަށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ހައްލު ހޯދައިދޭނެ ކަމަށެވެ.
ރަސްގެތީމުގައި ތިބި ޕީޕީއެމްގެ ބައެއް މީހުން ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއަށް ސޮއިކޮށްފައެވެ.