ޢަދާލަތު ޕާޓީގެ ނަމުގައި އެޕާޓީއަށް ނިސްބަތްނުވާ ބަޔަކު މީޑިޔާތަކަށް މައުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސެއް ބާއްވާފައި ވާތީ ޝަޚްސު އޮޅުވާލުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގް ކޮށްދިނުމަށް އެދި އަދާލަތު ޕާޓީން ފުލުހުންނަށް ހުށަހަޅައިފިއެވެ
އެޕާޓީން އެމައްސަލަ ހުށަހެޅުމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މިމަހުގެ 13 ވީ ހޯމަ ދުވަހު އަދާލަތު ޕާޓީގެ ފަރާތުން ކަމަށް ބުނެ މީޑިޔާތަކަށް ގުޅައި، ޢަދާލަތު ޕާޓީއަށް ނިސްބަތްނުވާ ބަޔަކު، ޢަދާލަތު ޕާޓީގެ ނަމުގައި ނޫސްކޮންފަރެންސެއް އިންތިޒާމްކޮށް، ޢަދާލަތު ޕާޓީގެ މެމްބަރުންގެ ނަމުގައި މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަދާލަތު ޕާޓީގެ ޝަޚްސަށް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަން ނިގުޅައިގަނެ، ޤާނޫނުލް އުޤޫބާތުގެ 312 ވަނަ މާއްދާގެ (ހ)(1)(3) އަދި 312 ވަނަ މާއްދާގެ (ހ)(2)(1) އިން ބަޔާން ކުރާ ކުށަށް އަރައިގެންފައި ވާތީ، އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ހުށަހަޅާ ކަމަށެވެ.
މީގެ އިތުރުން އެ ނިއުސްކޮންފަރެންސްގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ މައުލޫމާތު ފޮޓޯ އާއި ވަނަވަރާ އެކު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ މުޤައްރިރު ރާއްޖެ އެމްވީއަށް ވިދާޅުވީ ޕްރެސް ދީފައިވާ ބައެއް ފަރާތްތަކަކީ އަދާލަތު ޕާޓީގެ މެމްބަރުން ކަމަށާއި ޝަޚްސު އޮޅުވާލީތީ ތަހުގީގް ކޮށްދިނުމަށް އެދިފައި ވަނީ އޭގެ ތެރޭގައި ހިމެނޭ ޕާޓީގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ މީހުންގެ މައްޗަށް ކަމަށެވެ.
#Update: Adhaalath party ah nisbayinuvaa bayaku adhaalath party ge namugai media thakah gulhaagen noosverinnaa badhalukuri massalaagai shakhsu olhuvaalumuge massala thahuqeeq kohdhinumah @PoliceMv gai edhijje. pic.twitter.com/58HLMmqpMR
— Adhaalath Party (@AdhaalathOffice) August 23, 2018
އަދާލަތު ޕާޓީން ކަމަށް ބުނެ ބަޔަކު މީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެފައި ވަނީ ސަރުކާރަށް ތާއީދުކުރާ މީޑިޔާތަކުން އެކަންޏެވެ. ޕްރެސްދިން މީހުން، މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީން ކަންކުރަނީ އެޕާޓީ އުފެއްދި މަޤްސަދާ ޚިލާފަށް ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ މުޤައްރިރު ނަޒީރު ވިދާޅުވެފައި ވަނީ ރައިސް ޔާމީން ހަމަމަގުން ނެއްޓުމުން ސަރުކާރު ކޯލިޝަނުން ވަކިވުމަށް ފަހު އަދާލަތުން ނިންމި ކޮންމެ ނިންމުމެއް ނިންމާފައި ވާނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި އެމަޖިލީހުގެ އަޣްލަބިއްޔަތުން ނިންމައިގެން ކަމަށެވެ.
ޝަޚްސު އޮޅުވާލުމުގެ މައްސަލައެއް އަދާލަތު ޕާޓީން ފުލުހުންނަށް ހުށަހަޅާފައިވާ އިރު ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް އާއި އެ ޕާޓީގެ ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެ ޕާޓީގެ އެއް ފައުންޑަރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ހުކުމް ކޮށްފައެވެ.