އޯގަސްޓް މަހަށް ނިންމަން ބުނި އެއަރޕޯޓް ނިންމުމަށް އަނެއްކާ ވެސް އިތުރު ތާރީހެއް ރައީސް އަބްދުﷲ ޔާމީން ދެއްވައިފިއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮންނަ ދުވަސް ކަމުގައިވާ ސެޕްޓެމްބަރު 23 ވަނަ ދުވަހު ވޯޓުލުމަށް އެ ރަށަށް ދާ ފަރާތްތަކަށް މަތިންދާ ބޯޓުގައި ވޯޓުލާން ދެވޭ ގޮތް ހެދުން ކަމަށެވެ.
"އެއަރޕޯޓެއް ހެދުމުގެ ބޭނުން މިދަންނަވާލަނީ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނު މީގެ ދެ އަހަރު ތިން އަހަރު ކުރިން ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅަންޖެހޭނެ ކަން. މިއީ ހަމައެކަނި އަޅުގަނޑުމެންގެ ފަސިންޖަރުންނަށް އެކަނި ލިބޭނެ ފަސޭހައެއް ނޫން. ޓޫރިޒަމް ސިނާއަތް އުތުރުގައި ތަރައްގީ ކުރުމަށްޓަކާއި އެއަރޕޯޓް ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އުތުރުގައި އެއަރޕޯޓު މަދުވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ސަރުޚާރުން ނިންމީ މީގެ ދެތިން އަހަރު ކުރިން އެމަނިކުފާނު އެރަށަށް ވަޑައިގެން ކުރެވުނު ހިޔާލުފުޅެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަރޕޯޓުގެ ވާހަކަ އެހެން ފަރާތްތަކުން މިއަދު ދެއްކުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި ކުޅި ހިއްކައިގެން އެއަރޕޯޓް އެޅުމާ ވެސް އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުން އޭރު ދެކޮޅު ހެދި ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހު ޕީޕީއެމް އިން ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ މިއަހަރުގެ އޯގަސްޓް މަސް ނިމުމުގެ ކުރިން ކުޅުދުއްފުށި އެއަރޕޯޓް ހުޅުވޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި 1500 އެނދު ތަރައްގީ ކުރާނެ ކަމަށް ވެސް އެޖަލްސާގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ބުދަ ދުވަހު ވިދާޅުވީ، އެއަރޕޯޓާ އެކު ކުޅުދުއްފުށި ސަރަހައްދުގައި 3000 އެނދު ތަރައްގީ ކުރައްވާނެ ކަމަށެވެ. ނަމަވެސް ފަސް އަހަރު ވެގެންދާއިރު ވެސް އުތުރުގައި ރިސޯޓެއް ހުޅުވިފައެއް ނުވެއެވެ.