ދިވެހިރާއްޖެ ރިޔާސީ އިންތިޚާބަކަށް ދާއިރު ވޯޓަށް ނުރަނގަޅު ނުފޫޒު ފޯރަފާނެ ގޮތަށް ނިންމާ ކަމަށް ތުހުމަތު ކުރެވޭ ނިންމުންތައް ފާހަގަކޮށް ރާއްޖޭގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަން އިން އަނެއްކާ ވެސް ބުނެފިއެވެ.
އީޔޫއިން މިހެން ބުނެފައި ވަނީ ޔޫރަޕިއަން ޕާލިމެންޓްގެ ތިން މެމްބަރުން ކަމަށްވާ ތޯމަސް ޒެކޯވްސްކީ، އަރެޝަރްދު ޗަރްނިއެކްސްކީ، މަރިއާ ގަބްރިއެލާ ޒޮއާނާ އާއި އެ ޖަމާއަތުގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޓީގެ ކުރީގެ ރައީސް އޮންރީ މަލޯސް އަދި އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޓީގެ މެމްބަރު މަޑީ ޝަރްމާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެބޭފުޅުންގެ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށް ބަޔާންކޮށް ލަންކާގައި ހުންނަ އީޔޫ މިޝަން އިން ނެރެފައިވާ ބަޔާނެއްގައެވެ. އީޔޫ މިޝަނުން ބަޔާނެއް ނެރެފައި މި ވަނީ ފިޔަވަޅު އަޅާނެ ލިސްޓްގައި 41 ނަމެއް ހިމެނޭ ކަމަށާއި ލިސްޓް ފެނިފައިވާ ކަމަށް ޒެކޯވްސްކީ ވިދާޅުވެފައި ވަނިކޮށެވެ.
އީޔޫ މިޝަންގެ ބަޔާނުގައި ބުނެފައި ވަނީ އެ ޖަމާއަތުން ފެބްރުއަރީ މަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޖަމާއަތުގެ 28 މެމްބަރު ގައުމުން ނިންމުމެއް ނިންމާފައިވާނެ ކަމަށާއި އޭގެ ފަހުން ޖުލައިމަހުގެ ތެރޭގައި ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް ނިންމިފައިވާނެ ކަމަށެވެ.
އެ ނިންމުމުގެ އަލީގައި ފިޔަވަޅު އެޅުމަކީ ޔޫރަޕިއަން ޔޫނިއަންގެ ކައުންސިލްގެ އިޚުތިޔާރުގައި އޮތް ކަމެއް ކަމަށާއި އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ވިލާތުގެ އިއްތިޙާދުން ރާއްޖޭގެ އިސް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސް އެޅުމުގެ ސަބަބުންނާއި، އިންސާނީ ހައްޤުތަކަށް ސަރުކާރުން އަރައިގަންނަމުންދާތީ އެކަން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލުމުން ވެސް ކަންކަން އިސްލާހު ނުކޮށްގެންނެވެ. ފިޔަވަޅު އަޅަން ނިންމި އަޅާނެ ފިޔަވަޅުތައް ކަނޑައަޅާފައިވީ ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލައި ތަންފީޒުކުރުމާ މެދު ގޮތެއް ނިންމާނީ ރާއްޖޭގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހުގައެވެ.