ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ހަރަކާތްތައް ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ސިޔާސީ ޕާޓީތަކުން މާލެއާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގާ ހަރަކާތްތަކަށް ފުލުހުންގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވާކަމަށް ބުނެ ބައެއް ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތެކެއް ކަމަށެވެ.
ފުލުހުން ބުނީ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވޭނެފަދަ އަމާން މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުންނާއި ރިޔާސީ އިންތިޚާބުގެ އެންމެހައި ކަންކަން އަމާން އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރަށް ފުލުހުން ބުނީ އިންތިޚާބަށް ކެންޕޭން ކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ބޭނުންކުރާ ދިދައާއި ޕޯސްޓަރު، ބެނާރ، އަދި ދިދަފަތި ފަދަ ތަކެތި ބޭނުންކުރުމުގައި އިންތިޚާބުތަކާބެހޭ އާންމު ގާނޫނާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ނެރެ އާންމުކޮށްފައިވާ ގައުމީ ދިދަ ބޭނުން ކުރުމާއި ގުޅޭ އުސޫލުގެ 8 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް އެދޭ ކަމަށެވެ. އަދި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ހުރަސްނާޅާ ކަމަށް ފުލުހުން ބުނި ނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދިދަ ނެގުމާއި، ޕޯސްޓަރުތައް ފުލުހުން ނައްޓުވާލައެވެ.
އެގޮތުން މިމަހު 21 ވަނަ ދުވަހު ގ. އަސްދޫގެއަށް ނަގާފައި ހުރި ޖުމްހޫރީ ޕާޓީގެ ދިދަ ފުލުހުން ވަނީ ގޮސްބާލާފައެވެ. ގައުމީ ދިދައިގެ އުސްމިނަކީ 120 ފޫޓް ކަމަށްވާއިރު އަސްދޫގައި ދިދަ ނަގައިފައި ހުރީ 75 ފޫޓަށެވެ. ނަމަވެސް މިދަދަ ބޭލި ސަބަބު ފުލުހުންނަށް ބުނެދެވިފައެއް ނުވެއެވެ.