ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިން ކަމުގައި ވިއަސް، ސިޓީއަކުން ލިބެންޖެހޭ ހިދުމަތްތަށް އެރަށުގެ ރައްޔިތުންނަން ނުލިބޭކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އީދު ބަންދާ ދިމާކޮށް ފައިސަލް ފުވައްމުލަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ބުދަ ދުވަހުގެރޭ ފުރާވަޑައިގަންނަވަމުން ފައިސަލް ވިދާޅުވީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަން ލިބެންޖެހޭ އަސާސީ އެތަށް ޙިދުމަތްތަކެއް ނުލިބޭކަމަށެވެ. ސިޓީއެއްގެ ދަރަޖަ ފުވައްމުލަކަށް ދީފައިވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަން އެކަށީގެންވާ ސިއްހީ ހިދުމަތެއް ނުލިބޭ ކަމަށެވެ. ނަތީޖާއެއް ގޮތުން ފަރުވާ ހޯދަން އެ ސިޓީގެ ރައްޔިތުން މާލެ ދާންޖެހޭކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ.
"ރައްޔިތުންނަން ބޭނުންވާ ވަރަށް ގިނަ ކަންތަށްތަކެއް އަބަހުރި ފުރިހަމަ ނުވެ ގިނަ ދުވަސްތަކެއް ވެފައި، އެގޮތުން ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މި ރަށުގެ ސިއްހީ ކަންތަށްތަށް މި އޮތީ، މި ރަށު ހޮސްޕިޓަލުން ރަނގަޅު ފެންވަރަކަށް ހިދުމަތް ދެވޭތަނެން ނުފެނުމަކީ ރައްޔިތުންނަން ލިބޭ ވަރަށް ބޮޑު ތަކުލީފެއް، ޖެހޭ ކޮންމެ ކަމެއްގައި ފުރާގެން މާލެ ދާން ޖެހުމަކީ" ފައިސަލް ވިދާޅުވިއެވެ.
އެތެރޭގެ އުދުހުންތަކަށް އެންމެ އެއާލައިނަކަށް ފުވައްމުލަކަށް ފުރުޝަތުދީފައިވާއިރު، އިތުރު އެއާލައިންތަކަށް ދަތުރުކުރުމަށް ފުރުޝަތު ނުދެތީ ރައްޔިތުން ޝަކުވާ ކުރާ ކަމަށް ފައިސަލް ވިދާޅުވިއެވެ. ރަށުން ބޭރުގައި ދިރުއުޅޭ ފުވައްމުލަކު ރައްޔިތުންނަކީ ގިނައިން ރަށައް ޒިޔާރާތް ކުރާ ބައެއް ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ އެރަށުގެ ގުދުރަތީ ރީތިކަން ބަލާލުމަށް ވެސް ގިނަ ބަޔަކު ޒިޔާރަތް ކުރަމުން އަނަންނައިރު އެތެރޭގެ އުދުހުންތަކުގެ އަގު ދަށް ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގެ ފުވައްމުލަކު އެއާޕޯޓުގައި އެހެން އެއާއިލައިން ތަކުގެ ފުލެޓްތަށް ޖެއްސުމުގެ ހުއްދަތަށް ދޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. މި އުސޫލުގެ ދަށުން ރާއްޖޭގެ އެހެން އެއާޕޯޓުތަށް އެހެން އެއާއިލައިންތަކަށް ބޭނުންކުރުމަށް ދޭން ޖެހޭ ހުއްދަތަށް ދޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ އެ ސިޓީގެ ސުކޫލުތަށް ސިޔާސީ ވެފައިވާ ކަމަށެވެ. ސުކޫލުތަކަށް ސިޔާސީ ނުފޫޒު ފޯރާތީ ހިގަން ނުޖެހޭ ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި އެއްވެސް ސުކޫލަކަށް ސިޔާސީ ނުފޫޒެއް ނުފޯރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީގައި ގާއިމްވެފައިވާ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަން ވަޒީފާގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާކަން ދޮރުން ދޮރުން ކެމްޕެއިން ގެ ތެރެއިން ހާމަވެގެންދިޔަ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ހޯމަ ދުވަހު ފައިސަލް ފުވައްމުލަކަށް ވަޑައިގަތުމުން އެ ސިޓީގެ އަށް އަވަށުގެ ގިނަ ރައްޔިތުން ވަނީ އެމަނިކުފާންނަން ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބެއްލެވުމަށް ފައިސަލް ވަނީ ފުވައްމުލަކުގެ އަށް އަވަށުގައި ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވާފައެވެ.