ކ. މާލެ
|
22 އޯގަސްޓް 2018 | ބުދަ 19:32
ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީ ހިފަހައްޓާލައިގެން
ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީ ހިފަހައްޓާލައިގެން
ގެޓީ އިމޭޖަސް
ޔުވެންޓަސް
ރޮނާލްޑޯ ޔުވެންޓަސްއަށް ލޯބި ޖެހުނީ ސަޕޯޓަރުންގެ ސަބަބުން
ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވެފައިވަނީ 112 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން

ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވާން ނިންމީ އެޓީމުގެ ސަޕޯޓަރުންގެ ސަބަބުން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. 

މިދިޔަ ސީޒަނުގެ ޔުއެެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޔުވެންޓަސް ކޮޅަށް ރޮނާލްޑޯ ޖެހި ލަނޑާއެކު ޔުވެންޓަސްގެ ސަޕޯޓަރުން ވެސް ވަނީ އޭނާއަށް ތައުރީފްކޮށް ސްޓޭންޑިން އޮވޭޝަންއެއް ދީފައެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އެފަދަ ކުދިކުދި ކަންތައްތަކަކީ ބޮޑު ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ ކަންކަން ކަމަށާއި އެދުވަހު ޔުވެންޓަސްގެ ސްޓޭޑިއަމްގައި ފެނިގެންދިޔަ މަންޒަރަކީ އެކްލަބަށް ބަދަލުވާން ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. 

އުމުރުން 33 އަހަރުގެ ރޮނާލްޑޯ އެމެޗުގައި ޖެހި ލަނޑު ވަނީ ޔުއެފާއިން ހޮވާ ސީޒަނުގެ އެންމެ މޮޅު މަގާމަށް ނޮމިނޭޓްވެފައެވެ. އޭނާ ބުނީ އެ ލަނޑަކީ އޭނާގެ ކެރިއަރުގައި ވެސް ޖެހި އެންމެ މޮޅު ލަނޑުތަކުގެ ތެރޭގައި ހިމެނޭ ލަނޑެއް ކަމަށާއި މީހުން އޭނާއަށް ތައުރީފްކޮށް ކޮޅަށް ތެދުވުމުން ވަރަށް އުފާވި ކަމަށެވެ. ޔުވެންޓަސްގެ ސަޕޯޓަރުން އެގޮތަށް ކަންކަން ކުރުމުން ހައިރާންވި ކަމަށާއި އެވަގުތު އެފަދަ ކަމެއް ހިނގާފާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ. 

ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވެފައިވަނީ 112 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން ހަތަރު އަހަރުގެ މުއްދަތަކަށެވެ. އޭނާއަކީ ޖެހިޖެހިގެން އަށްވަނަ ފަހަރަށް އިޓާލިއަން ސެރީއޭގެ ޗެމްޕިއަންކަން ހޯދައި ޔުއެފާ ޗެމްޕިއަންސް ލީގު ހޯދުމަށް ޔުވެންޓަސްއިން ގެނައި އެންމެ މުހިންމު ކުޅުންތެރިޔާއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް