ކ. މާލެ
|
20 އޯގަސްޓް 2018 | ހޯމަ 18:05
ސަޢޫދީގެ ހަކަތަޔާއި ބެހޭ ވަޒީރު ޚާލިދު އަލް ފާލިޙް
ސަޢޫދީގެ ހަކަތަޔާއި ބެހޭ ވަޒީރު ޚާލިދު އަލް ފާލިޙް
އޭއެފްޕީ
ތެލުގެ ބާޒާރު
ޑިމާންޑާއި އެއްވަރަށް ތެޔޮ ބޭރުކުރެވޭނެ: ސަޢޫދީ
އިންވެސްޓްމަންޓްތަކަށް ތައްޔާރަށް އޮތްކަމަށް ސަޢޫދީ އަރަމްކޯއިން ހާމަކުރި

ދުނިޔޭގެ ބާޒާރުގެ ޑިމާންޑާއި އެއްވަރަކަށް ތެޔޮ ނެގޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ސަޢޫދީ ޢަރަބިއްޔާއިން ބުނެފިއެވެ.

ސަޢޫދީގެ ޤައުމީ ތެޔޮ ކުންފުނި ސަޢޫދީ އަރަމްކޯގެ ޗެއަރމަން އަދި ސަޢޫދީގެ ހަކަތަޔާއި ބެހޭ ވަޒީރު ޚާލިދު އަލް ފާލިޙް ވިދާޅުވީ ތެލުގެ ޑިމާންޑާއި އެއްވަރަށް ސަޕްލައިކުރުމަށް ކުރަން ޖެހޭ އިންވެސްޓްމަންޓްތައް ކުރުމަށް އެކުންފުނިން އޮތީ ތައްޔާރަށްކަމަށެވެ. އިންވެސްޓްމަންޓްތަކަށް ތައްޔާރަށް އޮތްކަމަށް ސަޢޫދީ އަރަމްކޯއިން ހާމަކުރިއިރު، އެކުންފުނީގެ ހިއްސާ އާއްމުންނަށް ވިއްކަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެކުންފުނިން އަންނަނީ ވަމުންނެވެ.

ސަޢޫދީ އަރަމްކޯގެ ހިއްސާ ވިއްކުން ވެގެންދާނީ ފަހުގެ ތާރީޚެއްގައި ކުންފުންޏަކުން ހުޅުވާލާ އެންމެ ބޮޑު އައި.ޕީ.އޯ އަށެވެ. 

ތެލުގެ ބާޒާރު އަނެއްކާވެސް ހަމަޔަކަށް އެޅެމުންދާއިރު، މިދޭތެރެއަކުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ވެއްޓުމާއި ގުޅިގެން، އެސިނާޢަތުގައި އިންވެސްޓްކުރަން ހުރި ޓްރިލިއަނެއްހާ ޑޮލަރު ގެއްލިގެން ދިޔައެވެ. އެހެންކަމުން މިހާރު އަނެއްކާވެސް ތެޔޮ ނަގާ ސާފުކުރުމުގެ އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކޮށް، އައު ޓެކްނޮލޮޖީގައި އިނެވެސްޓްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ނެގޭނެ ގޮތް ހެދުމަށް އިނެވެސްޓްކުރަން ޖެހިފައިވާކަމަށް އަލް ފާލިޙް ވިދާޅުވިއެވެ. 

ސަޢޫދީ އަރަމްކޯއިން ވަނީ ދާދިފަހުންވެސް އައު 2 ތެޔޮވަޅާއި ޤުދުރަތީ ގޭސް ރިޒަރވެއް ހޯދާފައެވެ. އެކުންފުނިން ބުނީ ސާފުނުކުރާ ތެޔޮ އެންމެގިނައިން ބޭރުކުރާ ޤައުމުގެ ގޮތުގައި އޮތުމަށް ސަޢޫދީއިން މަސައްކަތްކުރާނެކަމަށެވެ. ސާފުނުކުރާ ތެލުގެ އިތުރުން ޤުދުރަތީ ގޭހާއި ޕެޓްރޯކެމިކަލް ނަގާ މިންވަރު އިތުރުކުރުމަށްވެސް ސަޢޫދީ އަރަމްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް