ސިއްރުފެންފުށީގައި ބަހައްޓާފައި ހުރި ކަނޑުއަޑީގެ ބުދު ގެލެރީ ނެގުމަށް ސަރުކާރުން އެންގި ނަމަވެސް އެތަން އަދިވެސް ނުނަގާ އަދިވެސް ބަރާބަރަށް އެތަން އިޝްތިހާރު ކުރަމުން ދާކަން ހާމަވެއްޖެއެވެ.
"ކޮރަލޭރިއަމް" ގެ ނަން ދީފައިވާ މި ގެލަރީއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓް ޖޭސަން ޑިކެއާސް އުފެއްދި ގެލަރީއެކެވެ.
އެކިކަހަލަ "އެޑްވެންޗާ" އާއި ތަފާތު ކަންކަން އިސްތިހާރު ކުރުމަށް ފޭސްބުކްގައި ހަދާފައިވާ މިލިއަނަކަށްވުރެ ގިނަ މީހުން އެކުލެވޭ ބޭރުގެ ޕޭޖެއްކަމަށްވާ "ޖީއައި އެޑްވެންޗާ" ގައި އިއްޔެވެސް އެތަން އިޝްތިހާރުކުރުމަށް ވަނީ ޖަހާފައެވެ.
ސިއްރުފެންފުށީގައި ބަހައްޓާފައި ހުރި ކަނޑުއަޑީގެ ބުދު ގެލެރީ ނެގުމަށް ސަރުކާރުން އެންގީ މިދިޔަ ޖުލައިމަހުގެ 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ އެންގުން އެންގިތާ މަހެއްވާން ގާތްވި އިރުވެސް އެތަން ނަގާފައެއް ނުވެއެވެ. އަދި އެތަން ނަގާފައި ނުވާތި ސަރުކާރުންވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ށ. އަތޮޅު ސިއްރުފެންފުށީގެ ފަޅުތެރޭގައި ހެދި ގެލެރީގައި ބުދު ބެހެއްޓީ ޓޫރިޒަމް މިނިސްޓްރީއަށާއި ސަރުކާރަށް އެކަން ހުށަހެޅުމަށްފަހު، ސަރުކާރަށް އެނގިގެންކަން ފަހުން ވަނީ ހާމަވެފައެވެ.
އިތުބާރުހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އެރިސޯޓުން ކަނޑުއަޑީގެ ގެލެރީ ހެދުމުގެ ކުރިން އެ ގެލެރީ ހުންނާނެ ގޮތާއި ބެހޭ ގޮތުންނާއި، ބުދުތަކުން ރަމްޒުކޮށްދޭ ކަންކަމާއި ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއަށް ގޮސް، އެމިނިސްޓްރީގައި ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައިވެއެވެ. އަދި މީގެ އިތުރުން ކަނޑުއަޑީގައި ހަދާ ތަނަކަށް ވާތީ އެތަނުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު އަންގައިދޭ އީ.އައި.އޭ ރިޕޯޓް ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ބުދު ބަހައްޓައިގެން މިފަދަ ތަނެއް ހަދާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްގެން، ފުލުހުންގެ ސަމާލުކަމަށްވެސް އެކަން އައިސްފައިވާކަމަށް ރާއްޖެ.އެމްވީ އަށް ވަނީ އެނގިފައެވެ.
މީގެ އިތުރުން މި ގެލެރީގެ މަސައްކަތް ކުރިއަށްދާކަމުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެން، އެކަމާއި ބެހޭ ގޮތުން ރިސޯޓާއިއެކު މަޝްވަރާކޮށްފައިވާކަން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ބައެއް އޮންލައިން ނޫސްތަކަށް ދެއްވި އިންޓަރވިއުތަކުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރަށް އަލަށް އެމައުލޫމާތު ލިބިގެން ބުދުތައް ނަގަން އެންގީކަމަށް ދޭހަވާފަދަ ގޮތަކަށް ރައީސް އޮފީހުން ބަޔާންތައް ނެރުނުނަމަވެސް، މިމަސައްކަތަކީ މަސައްކަތުގެ ހުރިހާ މަރުހަލާއެއްގައި ޓޫރިޒަމް މިނިސްޓްރީއަށް އެނގިގެން، ރިސޯޓުން މިނިސްޓްރީއަށް އަންގަން ޖެހޭ އެންގުންތައް އަންގައިގެން ކުރިއަށްދިޔަ މަސައްކަތަކެއްކަމަށް މައުލޫމާތު ލިބެއެވެ.
ބުދުތަކެއް ބަހައްޓާ ގޮތަށް މިގެލެރީ ހަދާތީ ރާއްޖެފަދަ ޤައުމެއްގައި އެކަމުން މައްސަލަތަކެއް ނިކުމެދާނެކަމަށް މިނިސްޓްރީގެ އިސް ބޭފުޅުންނަށް ދެންނެވިކަމަށާއި، އެހެންނަމަވެސް އެމަސައްކަތް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީއިން ހުއްދަ ދިނީކަމަށް މައުލޫމާތު ލިބެއެވެ.
ބުދުތައް ބަހައްޓާފައިވާކަމުގެ މައުލޫމާތު އަލަށް ލިބިގެންކަމަށް ދޭހަވާފަދަ ގޮތަކަށް ރައީސް އޮފީހުން ވާހަކަ ދެއްކީ އެމައްސަލައިގައި ގިނަ ބައެއްގެ ޝަކުވާތައް އާއްމުވުމާއި ވިދިގެންނެވެ.