އިންޑިއާގެ ކެރެލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި އެތައް ސަތޭކަ ބަޔަކު މަރުވެ، ތަންތަނަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ބޭސްފަރުވާ އަށް ދިވެހިން އެންމެ ގިނައިންދާ ކޮޗިންގައި ދިވެހި އާއިލާއެއް ހާލުގައި ޖެހިއްޖެ އެވެ.

ހާލުގައި ޖެހިފައި ވަނީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުން ފުރަމާ ބަދަލުކުރުމުގެ އޮޕަރޭޝަންކޮށްފައިވާ މާލޭ އަންހެނަކާއި އޭނާގެ އާއިލާ އެވެ. ކޮޗިންގައި ތިބީ އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާ އަދި ދަރިފުޅެވެ. އެ މީހުން ނަން ހާމަނުކުރުމަށް ވަނީ އެދިފަ އެވެ.
ކޮޗިންގައި ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް 100 ވަރަކަށް މީހުން، ދިވެހި ސަރުކާރުން ޓްރިވެންޑްރަމަށް ބަދަލުކުރިއިރު، މި އާއިލާ އަށް ނުދެވުނީ ދަތުރުކުރުން މަނާކޮށްފައި އޮތުމުންނެވެ.

ކޮޗިންގެ އަމްރިތާ ހޮސްޕިޓަލް ސަރަހައްދު ފެން ބޮޑުވެ، އާންމު ހިދުމަތްތައް މެދުކަނޑާލާފައިވާއިރު، އަދި ފިހާރަތަށް ވެސް ބަންދުކޮށްފައިވާއިރު، ކާބޯތަކެތި ނުލިބެ އެވެ. އެހެންވެ، ދިވެހި އާއިލާ ވެސް ވަނީ ބަނޑަށް ޖެހިފަ އެވެ،

"ކުރިން ގަނެފައި ހުރި ކާއެއްޗެހި މިހާރު ގާތްގަނޑަކަށް ހުސްވެއްޖެ. ފެން ބޮޑުވުމަށް ފަހު ލިބުނީ އެންމެ ޕާނެއް. އެ ޕާން ވެސް ލިބުނީ އެ ގޭގެ ވެރިމީހާއަށް ގުޅައިގެން. އެ މީހާ ވެސް އެއީ ވަރަށް ދުރުގައި އުޅޭ މީހެއް،" ފިރިހެން މީހާ ކިޔައިދިނެވެ.
ކުރިން ގަނެފައި ހުރި ހަތަރު ކޭސް ފެންވެސް ހުސްވަން ގާތްވެފައިވާ ކަމަށާއި އެހެންވެ، ކާބޯތަކެއްޗާއި ބޯފެން މިހާރު ބޭނުންކުރަނީ ވަރަށް ކުޑަކޮށް ކަމަށް އޭނާ ބުންޏެވެ.
ހާލުގައި ޖެހިފައިވާ މި އާއިލާއަށް ދިވެހި އެމްބަސީން އެއްވެސް އެހީތެރިކަމެއް އަދި ފޯރުކޮށް ނުދެ އެވެ.
މާލޭގައި ހުރި އެ އާއިލާގެ މީހަކު ބުނި ގޮތުގައި، ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ފަރާތުން ކޮޗިންގައި ތިބި މީހުން ޓްރިވެންޑްރަމަށް ބަދަލުކުރިއިރު، އެ އާއިލާގެ މައުލޫމާތު ނެގި ކަމަށާއި ނަމަވެސް، މިއަދާ ހަމައަށް ވެސް އެއްވެސް ހަބަރެއް ނުލިބޭ ކަމަށެވެ.

އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭވެހި މިދިޔަ ހަފްތާގައި ފެންބޮޑުވުމުގެ ސަބަބުން އަދިވެސް ގިނަ ސަރަހައްދުތައް ވަނީ ފެނު އަޑީގައެވެ. ބައެއް މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.
މިހާދިސާގައި މިހާތަނަށް 350 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 8 ލައްކައަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.