ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ކެމްޕޭނުގައި ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ރައީސް ރައީސް ޑރ. ޢަލީ ޝަމީމު ބައިވެރިވެ ވަޑައިގަތުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒްވެއްޖެއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. ޝަމީމަށް ފާޑުކިޔުން އަމާޒުވީ ރައީސް ޔާމީންގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހުވަދު އަތޮޅު ދެކުނު ބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުޅިގެން ކުރިއަށް ބައެއް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަޑައިގަންނަވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކުއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދު ވެސް މި ބައްދުލުވުންތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. އެގޮތުން ޒުވާނުން ކޮޅަކާ އެކު ބައްދަލުވުމެއްގައި ޝަމީމް ވާހަކަ ދައްކަވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ރައީސް ޔާމީންގެ ކެމްޕޭން ޙަރަކާތްތަކުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ފެނިފައިވާއިރު، "މަޤާމުގެ ޙައިސިއްޔަތުން ލިބޭ ބާރެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރުފޯރުވަން ނުވަތަ ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެ،" ކަމަށް ސިވިލް ސާވިސްގެ ޤާނޫނުގައި ބުނެފައި ވެއެވެ.

ސިވިލް ސާވިސްގެ ޤާނޫނުގައި އެކޮމިޝަނުގެ މަސައްކަތްތައް ބަޔާންކުރާ މާއްދާތަކުގައި ވެސް ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިގެން ނުވާނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.
ރައީސް ޔާމީން ކެމްޕޭން ޙަރަކާތަކުން ސީއެސްސީގެ ރައީސް ފެނިފައިވާ އިރު ސިވިލް ސާވިސްގެ އޮފީސްތަކުގެ ގޮތުގައި ހިމެނޭ ތަންތާނގައި މަސައްކަތްކުރާ މުވައްޒަފުންގެ ޒާތީ މައުލޫމާތު ރައީސް ޔާމީންގެ ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.