ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ގެ ރަނިންމޭޓް ފައިސަލް ނަސީމަށް އއ. އުކުޅަހުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފައިސަލް އާއި ކެމްޕޭން ޓީމުން އުކުޅަހަށް ވަޑައިގެންފައިވަނީ ހުކުރު ދުވަހު ހެނދުނު އެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ކޮންގްރެސް ބޭއްވި އެމްޑީޕީގެ ސަޕޯޓް ވަރަށް ބޮޑު އުކުޅަހަށް ފައިސަލް މުޅި އެ ރަށް އޮތީ ރީނދޫ ކުލައިން ޒީނަތްތެރިކޮށްފަ އެވެ. ދެ ޖިންސްގެ ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ވެސް ފައިސަލަށް މަރުހަބާ ކިޔުމަށް ނުކުމެ ތިއްބެވެ.
ފައިސަލް ވަނީ އެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ބައްދަލުކޮށް އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ.
އުކުޅަހުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސަރުކާރަކީ އޯގާތެރި ސަރުކާރަކަށް ވާނެ ކަމަށާއި ވަޒީފާ އަދާކުރާ މުވައްޒަފުން ވަކި ސިޔާސީ ލީޑަރަކަށް ތަބާވާން ނުޖެހޭނެ ކަމަށެވެ. އަދި އާސަންދަ ލިބޭނީ ވަކި ސިޔާސީ ޕާޓީއަކަށް ބަދަލުވުމުން ނޫން ކަމަށް ވެސް، ކާށިދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި ފައިސަލް ވިދާޅުވި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
އުކުޅަހަށް ވަޑައިގަތުމުގެ ކުރިން ހުކުރު ދުވަހު ހެނދުނު ބޮޑުފުޅާދޫއަށް ވެސް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ފައިސަލް ބައްދަލުކުރެއްވެވި އެވެ.
މި ޓީމުން ހުކުރު ދުވަހުގެ މެންދުރުފަހު އެ އަތޮޅު ރަސްދޫ އަދި ތޮއްޑޫ އަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުކުރު ދުވަހުގެ ރޭ ތޮއްޑޫ ގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.