އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުންނާއި ސިޔާސީ ޕާޓީތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތައް ހިންގަމުންދާއިރު، ފުލުހުންނަށް ހާއްސަކޮށްގެންނާއި ފުލުހުންގެ މަރުކަޒުތަކަށް ގޮސް ކެމްޕެއިން ހަރަކާތްް ނުހިންގުމަށް ފުލުހުން އަންގައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ މުއައްސަސާއިން ނެރެފައިވާ ނުސްބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ހާއްސަކޮށްގެން އެކިފަރާތްތަކުން ފުލުހުންގެ މަރުކަޒުތަކަށް ގޮސް ސިޔާސީ ހަރަކާތްތައް ހިންގުމަކީ ފުލުހުންގެ މުއައްސަސާއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުން ބުނީ އެފަދަ ހަރަކާތްތަކެއް ސީދާ ފުލުހުންނަށް ހާއްސަކޮށްގެން އެއްވެސް ފަރާތަކުން ނުހިންގުމަށާއި އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން އެފަދަ ގޮތަކަށް ނޫސްބަޔާން ނެރެފައިވީނަމަވެސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ވޯޓު ލުމުގެ ހައްގުލިބިގެންވާ ބައެކެވެ. އަދި ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށް ހާއްސަ ވައުދުތަކެއް ވެސް ރިޔާސީ ކެންޑިޑޭޓުން ގެންދަވަނީ ވެވަޑައިގަންނަވަމުންނެވެ.
ފުލުހުންގެ ބަޔާނުގައި ސީދާ ކޮން ފަރާތެއްކަން ހާމަކޮށްފައިިނުވިނަމަވެސް، އިދިކޮޅު ކެނޑިޑޭޓާއި، ރަނިންގމޭޓް އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގެ ތެރޭގައި ބައެއް ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ގެންދަނީ، އެ ބޭފުޅުންނަށް އިހްތިރާމް އަދާކޮށް، ސަލާމްކުރުމުގެ ރީތި ނަމޫނާ ދައްކަމުންނެވެ. އޭގެތެރެއިން ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެ، އާންމުގެ ތައުރީފްގެ ބަސްތައް އެ ފުލުހުންނަށް ލިބިފައިވެއެވެ.