ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދިވެހިރާއްޖެ މާކެޓްކުރުމަށް ދައުލަތުން ކުރާ ހޭދަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި އިތުރުކުރާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އއ. އަތޮޅު މަތިވެރީގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހިންނަން އެންމެ ބޮޑު ނަފާއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށާއި، އެކަން މި މަތިވެރިއަށް ނަޒަރު ހިންގާލުމުންވެސް އިނގިގެންދާ ކަމަށެވެ. ގެސްޓް ހައުސްގެ ވިޔާފާރިން މަތިވެރީގެ ރައްޔިތުން ނަފާ ހޯދާކަމަށް ފައިސަލް ފާހަގަކުރެއްވެވި އެވެ.
މި ސަރުކާރުން ފަޅުތައް ވިއްކަމުންދާއިރު އެކަމަށް އިޝާރަތް ކުރައްވައި، ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއްގައި އުޅުއްވި ފައިސަލް ވިދާޅުވީ ކޮންމެ ފަޅެއް އެއީ ހިއްކަންޖެހޭ ފަޅެއް ނޫންކަމަށެވެ. ދިވެހިރާއްޖޭގެ ޖަޒީރާ ފަޅުތައް ހިމާޔަތްކުރަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ނުހަނު ފައިދާ ވާނެ ކަން ފައިސަލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ ޖަޒީރާ މެނިފެސްޓޯގައިވާ ގޮތަށް، ނޫ އިގްތިސޯދުގެ ސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުން ފުދުންތެރި ބަޔަކަށް ވާންޖެހޭ ކަމަށެވެ. މިއަދު ފެންނަނީ ރައްޔިތުން ބޭސްފަރުވާއަށް ސަލާމްޖަހާ މަންޒަރުކަން ފައިސަލް ވިދާޅުވިއެވެ. ނުކުޅުދުންތެރިކަން ހުންނަ ފަރާތަކަށް އޯގާތެރިކަމާއެކު ކަންކަން ނުކުރައްވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅުދުންތެރިކަން ހުންނަ މީހުންނަން ދެމުން އަންނަ އިނާޔަތްތައް ދަނީ އިތުރުވަމުން ކަމަށެވެ.
ފައިސަލް ވިދާޅުވީ އއ. އަތޮޅުގެ ރަށްތަކަށް މި ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ދިރިއުޅެމުންދަނީ އެންމެ އަސަސީ ހިދުމަތްތަކުން މަހުރޫމްވަމުންނެވެ. އެހެން ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމުގައި ފެނާއި ނަރުދާމާގެ ނިޒާމް ގާއިމްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.