ކޯޓުގައި މައްސަލައެއް ކުރިއަށް ދާތީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދި ޓްރިބިއުނަލުގައިވެސް ވަކާލާތު ނުކުރެވޭ ގޮތަށް ޝައިހް ނަސްރުﷲ މުސްތަފާ ސަސްޕެންޑް ކޮށްފިއެވެ.
ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނަސްރުﷲ ސަސްޕެންޑް ކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކަކާ ގުޅިގެން އެ މައްސަލަތަކުގައި ވަކި ގޮތެއް ނިމެންދެން ކަމަށެވެ.
ނަސްރުﷲ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ، މިދިޔަ އަހަރު ހަތަރު މީހަކު ހައްޖަށް ގެންދިޔަ މައްސަލާގައި އެނގި ހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ދައުވާތަކަށް ނަސްރުﷲ އިންކާރު ކުރެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުވެސް ކުރިއެވެ. އެހެން ނަމަވެސް އޭގެ އަނެއް ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.
ޝެއިޚް ނަސްރުއްﷲ އަކީ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް މަސައްކަތް ކުރެއްވި ހުސެއިން ނަސީރުގެ ރަނިންގމޭޓްގެ ގޮތުގައި އިއުލާނު ކުރެއްވި ފަރާތެވެ. އެހެންނަމަވެސް ހުސެއިން ނަސީރުގެ ކެނޑިޑެސީ އީސީން ވަނީ ބަލައި ނުގެންފައެވެ.