ކުރިއަށް އޮތް އީދު ޗުއްޓީގައި ޑެންގީ ހުމާއި ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް، އެކަމަށް ރައްޔިތުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
ބުރާސްފަތި ދުވަހު އެޗްޕީއޭއިން އާންމުކުރި ބަޔާނެއްގައި ބުނީ، ކުރިއަށް އޮތް ދުވަސްވަރަކީ އަޟްހާ އީދުގެ ޗުއްޓީ ދުވަސްވަރުކަމުން މި ދުވަސްވަރު ދަތުރުފަތުރުކުރުން އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ދުވަސްވަރު ކެއިން ބުއިމުގެ އާދާތަކަށް ބަދަލުތައް އައުމާއި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ބުންޏެވެ.
އޭގެއިތުރުން އެ އެތޯރިޓީން ބުނީ، ހައްޖުވެރިން އަނބުރާ އަންނަ ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ރޯގާއާއި ހުން އިތުރުވަމުންދާ ދުވަސްވަރެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެކަމަށް ސަމާލުކަން ދެއްވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭއިން ވަނީ ސަމާލުކަންދޭންޖެހޭ ކަންކަންވެސް ބަޔާނުގައި ފާހަގަކޮށްފަ އެވެ. އެގޮތުން ރޯގާޖެހި ކެއްސާ ހަދާކަމުގައިިވާނަމަ މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިޔަށް ނުދިއުމުގެ އިތުރުން ސާފުކޮށް އަތްދިވެ ހެދުމަށް ސަމާލުކަން ދިނުމަށް އިލްތިމަސްކޮށްފައިވެ އެވެ.
އޭގެއިތުރުން ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ކެއްސައި ނޭވާލަން އުނދަނގޫ ވުމާއި އަދި އިތުރު އުނދަގުލެއްވާ ނަމަ ޑޮކްޓަރަށް ދެއްކުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.