ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިން މޭޓް ފައިސަލް ނަސީމް އއ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިރޭ ބާއްވާ ޖަލްސާއަށް އެ އަތޮޅު މަތިވެރި ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ.
މަތިވެރީ އެމްޑީޕީ ހަރުގޭގައި ބާއްވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 9:30 ގައެވެ. މިއީ އއ. އަތޮޅަށް ފައިސަލް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ބާއްވާ ފުރަތަމަ ޖަލްސާއެވެ. މި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ އަމީނާއި، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއި، އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ހަސަން ބައިވެރިވަޑައިގަންނަވަ އެވެ.
އއ. އަތޮޅުގައި ބާއްވާ މި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފައެވެ.
ބުރާސްފަތި ދުވަހު ފައިސަލް ފެއްޓެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ހިމަންދޫއަށެވެ. އެއަށް ފަހު އެ އަތޮޅު މާޅޮސް، ފެރިދޫ، މަތިވެރިއަށެވެ. މަތިވެރިއަށް ފައިސަލް ވަޑައިގަތުމުން އެ ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ޖަމާވެ ވަނީ އެމަނިކުފާނަން މަރުޙަބާ ދަންނަވާފައެވެ.

ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބޮޑު ފޮޅުދޫއަށެވެ. އެއަށް ފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ، ތޮއްޑޫއަށް ވަޑައިގަންނަވާނެވެ. ހުކުރު ދުވަހު ހަވީރު ތޮއްޑޫއަށް ފައިސަލް ވަޑައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ އެމަނިކުފާން ހުޅުއްވާ ދެއްވާއިރު، ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ ވެސް ބާއްވަން ނިންމާފައި ވަނީ ތޮއްޑޫގައެވެ.