ރިޔާސީ އިންތިހާބުގެ ވޯޓަށް ދިވެހި ރައްޔިތުން ސަލާލުކަން ދިނުމުނުގެ ގޮތުން އަބަދު ވެސް ވިސްނުން ބަހައްޓަންވީ ރައީސް ޔާމީންގެ ސަރުކާރުން އިންތިހާބާއި ގުޅިގެން ކުރާ ކަންތަންތަކަށް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އއ އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު މާޅޮހުގެ ރައްޔިތުންނާއި ފައިސަލް ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންގެ އަމާޒު ހުއްޓިފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ފޮއްޓަށް ކަމަށެވެ. ގޮންޖެހުންތަކާއި މަޖުބޫރީ ހާލަތްތަކުގައި ތިބެ ރައްޔިތުން އަނިޔާވެރިކަމާއި ދެކޮޅަށް މިކުރާ މަސައްކަތުގައި މި ވަގުތު އިންތިހާބާއި ގުޅިގެން ތަފާތު ސަކުވާތައް އަންނަ އިރު، އަބަދުވެސް ވިސްނުން ބަހައްޓަންވީ ވޯޓާއި ގުޅިގެން ސަރުކާރުން ދެން ކުރާނެ ކަމަކަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
"މި ވަގުތަކީ އަޅުގަނޑު ގަބޫލުކުރަނީ، ދިވެހި ރައްޔިތުން ވޯޓަކަށް ކެތްމަދުވެފައި ތިބި ވަގުތެއް، މާޅޮހުގެ ހުރިހާ ރައްޔިތުން ވެސް، އަދި މުޅި ދިވެހި ރާއްޖޭގެ ރައްޔިތުން ވެސް، އަމާޒު ހިފައިފައި މި ވަނީ ވޯޓް ފޮއްޓާ ދިމާލަށް، އަޅުގަނޑުމެން ވަރަށް ސަމާލުވާން އެބަޖެހޭ، ކޮންކަމެއްތޯ ދެންކުރާނީ، ތަފާތު އެކި ސަކުވާތައް އެކި ދިމަދިމާލުން މި ދަނީ އަންނަމުން، ދިވެހި ދައުލަތުގެ މުވައްޒިފުންނަން، ތަފާތު އެކި ގޮންޖެހުންތަކާއި އެކު، މަޖުބޫރީ ހާލަތްތަކުގައި" މާޅޮހު އެމްޑީޕީ ހަރުގޭގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

މިއަދު ފެންނަ މަންޒަރުތަކަށް ބަލާއިރު މުޅި ގަމުގެ 85 ޕަސެންޓްގެ ރައްޔިތުންގެ ތާއީދު އޮތީ ބަދަލަކަށް ކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުން ސިޔާސީ ވިސްނުންފުޅު ދޫކޮށްލެއްވުމަށް ފަހު ގައުމު އިސްކޮށް އެކުގައި މަސައްކަތްފުޅު ކުރައްވަން ފެއްޓެވީ ވަރަށް ގިނަ ސަބަބުތަކާއި ގުޅިގެން ކަމަށެވެ. ދިވެހި ރައްޔިތުންނަން ހައްގުވާ މިންވަރު ހޯދައްވައި ދެއްވުމަށް މި ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ފައިސަލް ގޮވާލެއްވިއެވެ.
ފައިސަލް އއ އަތޮޅު މާޅޮހަށް ވަޑައިގަތުމުން އެރަށުގެ ބަނދަރު ސަރަހައްދުން ގުޅިގައިވާ ސިޔާސީ ޕާޓީތަކަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަރުޙަބާ ދަންނަވާފައެވެ. ފައިސަލް ވަޑައިގަންނަވާތީ އެ އެރަށުގެ ބަނދަރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކުލަތައް ރަމްޒުކޮށްދޭ ދިދަތަކާއި ތަފާތު ޝުއޫރުތައް ލިޔެފައިވާ ބެނާތައް ވެސް ވަނީ ދަމާފައެވެ.

ފައިސަލް ދެން ވަޑައިގަންވާނީ އެ އަތޮޅު ފެރިދޫ އަށެވެ. އެއަށް ފަހު މަތިވެރިއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން ދޮރުން ދޮރަށް ކެމްޕެއިން ފައިސަލް ކުރިއަށް ގެންދަވާއިރު ބުރާސްފަތި ދުވަހުގެ ރޭ ފައިސަލްގެ ޓީމުން އއ އަތޮޅުގައި ބާއްވާ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ.
ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބޮޑު ފޮޅުދޫއަށެވެ. އެއަށް ފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ، ތޮއްޑޫއަށް ވަޑައިގަންނަވާނެއެވެ. ހުކުރު ދުވަހު ހަވީރު ތޮއްޑޫއަށް ފައިސަލް ވަޑައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ އެމަނިކުފާނު ހުޅުއްވާ ދެއްވާއިރު، ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ ވެސް ބާއްވަން ނިންމާފައި ވަނީ ތޮއްޑޫގައެވެ.
ފައިސަލް އާއި އެކު މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނާއި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާކަން ފާހަގަ ކޮށްލެއެވެ.