ނ.ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏާއި ދޯނީގައި ހުރި މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުގެ މަގުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ބުދަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއިއެކު އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް އިން ވައިގެ މަގުން ސީ ޕްލޭންގެ އެހީއާއި ކޯސްޓްގާޑްގެ ދެ ލޯންޗް ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ދޯނީގައި ދަތުރަށް ނުކުމެފައިވަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށްކިޔާ މީހެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ބުދަ ދުވަހުގެ ރޭ 22:30 ހާއިރު ޅޮހިން ފުރި އެ ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ކަމަށާއި އޭރު އެދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެ ދޯންޏަކީ 15 ފޫޓް ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، 15 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއްކަމަށް ވެސް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެދޯންޏާއި ދޯނިން ދަތުރު ކުރަމުންދާ މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.