ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނުބާއްވާ، ގަވައިދާ އެއްގޮތަށް ޗުއްޓީއަށް ގޮސްފި އެވެ.
އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ ފަހުން ޖަލްސާއެއް ނުބާއްވައި، މަޖިިލިސް އެވަނީ ޗުއްޓީއަށް ގޮސްފަ އެވެ.
އެންމެފަހުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ގަވާއިދަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ. އެއީ މަޖިލީހުގެ ދައުރާ ގުޅޭ އިސްލާހެކެވެ.
މަޖިލީހުގެ ދެވަނަ ދައުރު ކަމަށް މިހާރު ކަނޑައަޅާފައި ވަނީ ޖޫން މަހުގެ އެކަކުން ފެށިގެން އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރަކީ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
އެހެންވީމާ، މަޖިލިސް އެވަނީ ޗުއްޓީއަށް ގޮސްފައެވެ. މަޖިލީހުގެ ތިން ވަނަ ނުވަތަ ފަހު ދައުރު ފެށޭނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.
ފަހު ދައުރުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މަޖިލީހުން ކުރާނެ މަސައްކަތަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމާއި ފާސްކުރުމެވެ.
މަޖިލީހުގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން، މަޖިލީހުގެ ދެވަނަ ދައުރަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރަކީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ދައުރު، ތިން ދައުރަކަށް ބަހާފައިވާއިރު، ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާ މުއްދަތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން މަޖިލީހުގެ ދައުރަށް ދެވަނަ ފަހަރަށް ބަދަލު ގެނެސްފައިވީނަމަވެސް މަޖިލީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުދާކަން ވަނީ ފާހަގަ ވެފައެވެ.
މަޖިލީހުގެ ދައުރަށް ބަދަލުތަކެއް ގެންނައިރު މިހާރު ހިނގަމުންދާ މަޖިލީހުން ގަވާއިދާ އެއްގޮތަށް ޖަލްސާތައް ބާއްވަމުން ނުދެއެވެ. އަދި ޖަލްސާތަކުގައި ހޭދަކުރާ ވަގުތު ވެސް މަދުކަން ފާހަގަ ކުރެވޭއިރު، ކޮމެޓީތަކުން އެކަށީގެންވާ މަސައްކަތްތަކެއް ވެސް ކުރަމުން ނުދާކަން ފާހަގަ ކުރެވިފައި ވެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބުނަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު މަޖިލިސް ހިންގަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީއަށް ވުރެ ވެސް ގިނަ މެމްބަރުން ސޮއިކޮށް މަޖިލީހަށް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަދާ އަހަމައަށް އެމައްސަލައަށް ވޯޓަށް އަހާފައެއް ނުވެއެވެ.
މިހާރު މަޖިލީހުން ފާސްކުރާ، ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ފާސްކުރަނީ ޒަރޫރީ ހާލަތެއް ކަމަށް ބުނެ މަޖިލީހުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ 30 ވަރަކަށް މެމްބަރުންގެ ވޯޓުންނެވެ.