ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހުސައިން ނަސީރުގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރި މައްސަލަ ހައިކޯޓުން ބަލައި ނުގަންނަން ނިންމައިފިއެވެ.
މައުލޫމާތު ސައްޙަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ހުސެއިން ނަސީރުގެ ކެންޑިޑެސީ ފޯމު ބާތިލުކުރި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
ހުސެއިންގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ ފޯމުގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ފޯމު ހުށަހަޅަން ފުރުސަތު ދިނުމަށް އެދިއެވެ.
މައްސަލަ ބަލައިނުގަންނަން ނިންމާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ނަސީރު ހުށަހެޅި މައްސަލަ ބަލައި ނުގަންނަން ނިންމެވީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ.
ރަޖިސްޓަރާގެ ނިންމުމުގައި ވަނީ ނަސީރު ހުށަހަޅާފައިވާ މައްސަލައަކީ އިންތިހާބީ ޝަކުވާއެއްކަން ގުޅުން ހުރި ގާނޫނުތަކާއި ގަވައިދުތައް އަދި އުސޫލުތަކުން ބެލެން ނެތް ކަމަށެވެ.
އިންތިހާބަށް ކުރިމަތިލުމަށް ހުސައިން ކެންޑިޑެސީ ހުށަހެޅުއްވީ 1،800 މީހުންގެ ސޮޔާ އެކުއެވެ. ހުސައިންގެ ރަނިންގ މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ޝެއިޚް ނަސްރުﷲ މުސްތަފާއެވެ. މީގެ އިތުރުން ގިނަ މައްސަލަތަކެއްގައި ދައުވާ އުފުލިފައިވާ ނަސްރުﷲގެ ޕޮލިސް ރިޕޯޓް ފުރިހަމަނުވާ މައްސަލަ ވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައި ވެއެވެ.
އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާތާ ގިނަވެގެން 48 ގަޑިއިރު ނުވަތަ ދެ ދުވަހުގެ ތެރޭގައި އެކަން ގަބޫލުކުރިކަން ނުވަތަ ނޫންކަން އެ މީހަކަށް އަންގަންޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމީ ނިންމުމެއް، ފަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ނުވަތަ ހައި ކޯޓަށް ހުށަހެޅިދާނެ ކަމާށާއި އެއިން ކޯޓަކަށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެކަން ނިންމަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.
އަންނަ މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ޔާމީން އާއި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އެވެ. ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުން އަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ.