ނ.ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ބުދަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއިއެކު އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ދޯނީގައި ދަތުރު ނުކުމެފައިވަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށްކިޔާ މީހެކެވެ.
ބުދަ ދުވަހުގެ ރޭ 22:30 ހާއިރު ޅޮހިން ފުރި އެ ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ކަމަށާއި އޭރު އެދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެ ދޯންޏަކީ 15 ފޫޓް ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، 15 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއްކަމަށްވެސް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެދޯންޏާއި ދޯނިން ދަތުރުކުރަމުންދާ މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.