ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ އެމްޑީޕީ ބޭފުޅުންނަށް ފުލުހުން ވަކިވަކިން ގުޅައި، މައުލޫމާތު އޮޅުން ފިލުވަމުން ގެންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ކެމްޕެއިންގައި އިސްކޮށް އުޅުއްވާ އެމްޑީޕީ ބޭފުޅުންނަށް ފުލުހުން ވަކިވަކިން ގުޅާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރީ ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރު އަދި ހުވަދު އަތޮޅުގެ ކެމްޕެއިން އެޖެންޓް މުހައްމަދު އަސްލަމް ވިދާޅުވީ އޭނާއަށް ފުލުހުން ގުޅައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ އެހެން ބޭފުޅުންނަށް ވެސް ފުލުހުން ގުޅަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި ރިޔާސީ އިންތިހާބާ ގުޅިގެން، ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ މައުލުމާތު އެއްކުރުމަކީ ފުލުހުން މީގެ ކުރިން ކުރާ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
ވޯޓުލުމަކީ ސިޔާސީ ކަމެއް ކަމަށާއި ވޯޓާ ގުޅޭ ކަންކަން ކުރާނީ ސިޔާސީ ޕާޓީތަކުންނާއި އެކަމާ ގުޅޭ މުއައްސަސާއިން ކަމަށް އަސްލަމް ވިދާޅުވިއެވެ. ރީރަޖިސްޓްރޭޝަންގެ މަސައްކަތް ފުލުހުންނާއި ސިފައިންގެއިންނާއި ސަރުކާރުގެ އެހެން މުއައްސަސާއިން ކޮށްފައިވާތީ އަސްލަމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭނާ ވިދާޅުވީ ކޮންމެ ގޮތެއް ހަދައިގެން ވެސް ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނާނެ ކަމަށް ބަޔަކަށް ހީވާ ކަމަށާއި ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އަބަދު ބޭނުން ގޮތެއް ހަދައިގެން ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.