ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝުޖާއު އުސްމާން ހަމަޖައްސަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމީ އެ ކޮމިޝަނުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ނަމެއް އަދި ވޯޓުގެ ތަފްސީލެއް ވެސް ޖޭއެސްސީއަކުން ހާމައެއް ނުކުރެއެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝުޖާއު ހަމަޖެއްސީ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމުންނެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވި ޝުޖާއު, އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަގާމުގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ޝުޖާއު ހިމެނިވަޑައިގަންނަވައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އިސް ފަނޑިޔާރަކަށެވެ. ހުޅުމާލޭ ކޯޓުގައި ނަޝީދާ ދެކޮޅަށް ޝަރީއަތް ހިންގެވީ ވެސް ޝުޖާއުއެވެ.