އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ އަމަލުތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި އޮޅުންފިލުވަން ބޭނުންވާ ކަންކަން ހުރުމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ހާޒިރު ކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެދިލައްވައިފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު އަލީ ސަލީމަށް އެޑްރެސް ކުރައްވާ އިންތި ފޮނުއްވި ސިޓީގައި ވަނީ ރިޔާސީ އިންތިހާބުގެ މިނިވަންކަން ގެއްލޭގޮތަށް ވަރަށް ގިނަ ކަންތައްތަކެއް ހިނގަމުންދާކަން ފާހަގަކުރެވިފައިވުމާއި، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމުގެ ގާނޫނީ މަސްއޫލިއްޔަތު އިލެކްޝަންސް ކޮމިޝަނުން އުފުލަންޖެހޭއިރު. އިލެކްޝަންސް ކޮމިޝަނަކީ ގިނަ ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ މުއައްސަސާއެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގާނޫނާ ހިލާފަށް އެކިއެކި ގޮތްގޮތުން ސިޔާސީ މަންފާ ލިބޭގޮތަށް އަމަލުކުރަމުންދާކަން ފާހަގަ ކުރައްވާ އިންތިގެ އެސިޓީގައި ވަނީ ސަރުކާރަށް ތާއީދު ނުކުރާ ސިޔާސީ ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކަށް އެކިއެކި ގޮތްގޮތުން ހުރަސްއަޅައި، އިންޒާރުތައްދީ، ހުއްޓުވަމުންދާ ކަމަށެވެ. އަދި ރީރެޖިސްޓްރީ ކުރުމުގައި އެތަކެއް މައްސަލަތަކެއް ކުރިމަތިކުރުވައި، އިތުބާރު އެއްކޮށް ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށް، އިންތިހާބު އޮޅުވާލައި، ގަޑުބަޑުކޮށް، ރައްޔިތުންގެ ވޯޓު ލުމުގެ ހައްގަށް އަރައިގަތުމުގެ އެތަކެއް އަމަލުތަކެއް ހިންގަމުންދާ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
އެ ސިޓީ ނިންމާލައްވަމުން އިންތި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތާމެދު ސުވާލު ކުރުމަށާއި، އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީ ކުރުވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކޮމެޓީއަށް އަވަސް ފުރުސަތެއްގައި ހާޒިރުކޮށް، ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ ދެއްވުމަށް އެދޭ ކަމަށެވެ.