އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް (އެސްއޯ)ގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި ނަވާޒް ދެއްކެވި ވާހަކަފުޅުގައި އެސްއޯ ފުލުހުންނަކީ މުހިންމު މަސައްކަތްތަކެއް ކުރައްވާ ބައެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެސްއޯ ފުލުހުންނަށް މަސައްކަތްތަކުގައި އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.
ނަމަވެސް ގޮންޖެހުންތައް ކުރިމަތީވި ނަމަވެސް ރައްޔިތުންނަށް ހިދުމަތްދިނުމުގައި ފުލުހުންގެ ގޮތުގައި، ހިނިތުންވުމާ އެކު މަސައްކަތްކުރާ ބަޔަކަށް ވުމަށާއި ގާނޫނީ ގޮތުން ފުލުހުންނާ ހަވާލުކޮށްފައިވާ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ހުއްޓުމެއް އަޔަނުދީ ހިދުމަތް ދިނުމުގައި މަސައްކަތްކުރުމަށް ނަވާޒު އެދިވަޑައިގެންނެވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އަމާން އޮމާންކަމާ އެކު ކުރިއަށް ގެންގޮސް، އިންތިހާބުގެ އެންމެހާ ކަންކަން އަމާން އޮމާންކަމާ އެކު ނިންމާލުމަށް ހުރިހާ ފުލުހުން ވެސް މަސައްކަތްކުރުމަށް ނަވާޒު ވަނީ އެދިލައްވާފައެވެ.
އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ އިތުރުން ސްޕްޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ވެރިންނާއި އެޑިޕާޓްމަންޓްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ.