ކިތައްމެ ވަރަކަށް ތަރައްޤީ ކުރި ނަމަވެސް އަދުލު އިންސާފު ނެތް ތަނެއް ދާނީ ފަހަތަށް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތައްމެ ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގި ނަމަވެސް އަދުލު އިންސާފު ގާއިމް ނުކުރެވޭ ނަމަ އެތަނެއް ދާނީ ފަހަތަށް ކަމަށެވެ.
Kithanme gina tharaggee ge mashroou thakeh hingi namaves adhul insaaf gaaim nukurevey nama ethaneh dhaany fahathasheve.
— Dr Mohamed Iyaz (@dr_iyaz) August 14, 2018
ޑރ އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ޢަދްލު އިންސާފް ނެތް ކަމަށާއި ސިޔާސީ ބޭނުމަކަށް މީހުންގެ މައްޗަށް ހުކުމް ކުރެވެމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ވައްކަމާއި ކޮރަޕްޝަން ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން ޑރ. އިޔާޒް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ "ވަކި ކުލައެއްގެ މީހަކު ރިޝްވަތު ބެހީމާ ހަދިޔާއަކަށް ވެފައި އަނެކަކުގެ މައްޗަށް ދޮގު ހެކިވެރިއެއްގެ ހެކިބަހަށް ޖަލަށްލުން އެއީ އިންސާފުތޯ" ސުވާލު ކުރައްވާފައެވެ. އަދި މަރުގެ ހުކުމް ތަންފީޒް ކުރަން ވާހަކަ ދައްކަވާއިރު ވައްކަން ކުރާ މީހާގެ އަތްކަނޑާ ވާހަކަ ނުދައްކަވަނީ ކީއްވެތޯ ވެސް ޑރ. އިއާޒް ވަނީ ސުވާލު ކުރައްވާފައެވެ.
Vaki kula eh ge meehaku rishvathu beheema hadhiyaa akah vefai, anekaku ge machchah dhogu hekiveriyeh ge heki bahah jalah lun aee insaafutho eve?
— Dr Mohamed Iyaz (@dr_iyaz) August 15, 2018
Maruge hukum thanfeez kuran vaahaka dhakkavaa iru vakkan kuraa meeha ge aiy kandaa vaahaka nudhakkavany keevvetho eve?
ޑރ އިޔާޒަކީ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސެވެ.
ގުޅިފައިވާ ޕާޓީތަކުގެ އިސްލާމް ދީނާ ބެހޭ ސިޔާސަތެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާއިރު ގުޅިފައިވާ ޕާޓީތަކާއި އެޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކު މިހާތަނަށް ނުނެރޭ ފަދަ ދީނީ ސިޔާސަތު ހިމެނޭ މެނިފެސްޓޯއެއް ދާދި އަވަހަށް ނެރުއްވާނެ ކަމަށާއި އެކަން ކުރެއްވުމުގައި ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ އިސްދައުރެއް އޮންނާނެ ކަމަށެވެ.