މި ސަރުކާރުން ގެންދަނީ އެކަކު އަނެކަކާ މެދު އޮންނަ އަހްވަންތަންކަން ވެސް ކަނޑުވާލަން ހިތްވަރު ދެމުން ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދޫގައި ކެމްޕެއިން ޖަގަހައެއް ހުޅުވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އެމަނިކުފާނާ ސަލާމްކުރި ސަރުކާރުގެ ކުންފުނީގެ މުވައްޒަފަކު އެހެން ރަށަކަށް ވަޒީފާ ބަދަލު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިސްލާމްދީނުގައި އެކަކު އަނެއްކަކާ ސަލާމް ކުުރުމަކީ ބާރު އަޅާފައިވާ ކަމަކަށް ވާއިރު ފައިސަލް ވިދާޅުވީ ސަރުކާރުން ދަނީ އެކަން ހުއްޓުވަމުން ކަމަށެވެ.
"އަޅުގަނޑު ވަރަށް ކަންބޮޑުވޭ، ވަރަށް ހިތާމަކުރަން އަޅުގަނޑާ ސަލާމް ކޮށްލުމުން ރާއްޖޭގެ އުތުރުގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު ދެކުނަށް ބަދަލުކުރި ކަމުގެ މައުލޫމާތު ލިބިއްޖެ. އާދެ މިއީ އިސްލާމީ ދީން އަޅުގަނޑުމެނަށް ދައްކަދިން އެންމެ ރީތި ނަމޫނާ. ބައްދަލުވާ ހިނދު ސަލާމް ކުރުމަކީ އެކަމުން އެތައް ސަވާބެއް ލިބޭ ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެނަށް މި ފެންނަނީ މި ސަރުކާރުން މިފަދަ ކަންކަމަށް ވެސް ހުރަސްއަޅާ، އުހްވަންތަކަން ނައްތާލުމަށް ހިތްވަރުދޭތަން،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވަނީ ވީހާ ވެސް ގިނަ ގިނައިން އެކަކު އަނެކަކާ ސަލާމްކޮށް، އިސްލާމީ އަހްވަންތަންކަން ދެމެހެއްޓުމަށް ގޮވާލައްވާފައެވެ.
ވަޒީފާގެ ބިރުވެރިކަމުގައި ނުތިބެ އެ ބޭފުޅުންނާ އެކު ތިބުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ. އަދި ވިދާޅުވީ ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކިކޮށް، އަދި މަގާމު ދަށްކޮށްފައިވާ މީހުނަށް އަނބުރާ އެ މަގާމު ހޯދައިދިނުމަކީ ކޯލިޝަން ސަރުކާރުގައި އެންމެ ފުރަތަމަ އިސްކަމެއް ދީގެންކުރާނެ ކަންތައް ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ ކޮންމެ މީހަކު ވެސް އޭނާގެ އާއިލާއަށްޓަކައި ނަމަވެސް މި ސަރުކާރަށް ވޯޓުލައި މި ސަރުކާރު ބަދަލުކުރަން އެދޭ ކަމަށެވެ.