އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގމޭޓް ފައިސަލް ނަސީމް ދ. ކުޑަހުވަދޫއަށް ވަޑައިގަތުމުން ބޯ ވާރޭގެ ތެރޭގައި އެމަނިކުފާނަށް މަރުހަބާ ދަންނަވައފި އެވެ.
އަންގާރަ ދުވަހުގެ މެންދުރު ފައިސަލް ވަޑައިގެން ވަގުތުވީ އެރަށަށް ވާރޭ ވެހެން ފެށި ވަގުތަކަށެވެ. އެހެން ނަމަވެސް ފައިސަލް އެރަށަށް ވަޑައިގަތުމުން އެތައް ބަޔަކު ނިކުމެ ފައިސަލްއާ ސަލާމް ކުރަމުންގެންދިޔައިރު ވާރޭ ދިޔައީ ބޯކުރަމުންނެވެ. ވާރޭގައި ތިބެ ގިނަ އަންހެނުންނާއި ދުވަސްވީ މީހުން ފައިސަލްއާ ސަލާމް ކުރައްވަމުން ގެންދިޔައިރު ފައިސަލްގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ ޖޯޝާ ފޯރި އެވެ. ބޯ ވާރޭގެ ތެރެއިން އެތައް ބަޔަކު ނިކުމެ ފައިސަލްގެ ކަރުގައި މާފަތިތައް އަޅުވަމުންދިޔަ އެވެ.

އޭގެ ފަހުގައި ކުޑަހުވަދޫގައި އިބޫގެ ކެމްޕެއިން ޖަގަހަ ފައިސަލް ހުޅުވާދެއްވި ވަގުތު ވެސް ބޯކޮން ވާރޭވެހުނެވެ. ނަމަވެސް އެ ސަރައްދުގައިވެސް ގިނަ އަދަދެއްގެ މީހުން މަގުމަތީ ތިއްބެވެ. ގުޅިފައިވާ ޕާޓީތަކަށް ތާއިދުކުރާ ފަރާތްތަކާ މުހާތަބު ކުރައްވާ ފައިސަލް ވިދާޅުވީ ވެހެމުންދިޔަ ވާރޭގެ ތެރެއިން ވެސް އެތައް ބައިވަރު ރައްޔިތުން ނިކުމެ މަރުހަބާ ދެންނެވުމުން އެނގިގެން ދިޔައީ ބަދަލަކަށް ބޭނުންވެފައިވާ މިންވަރު ކަމަށެވެ.
ކުޑަހުވަދޫ އަކީ ސިޔާސީ ފޯރި ގަދަ ރަށެއްގެ ގޮތުގައި މީގެ ކުރިން ބޭއްވި އިންތިހާބުތަކުންވެސް ފާހަގަ ކުރެވިގެން ގޮސްފައިވާ ރަށެކެވެ.